އެމެރިކާ ސިފައިން
އެމެރިކާ ސިފައިން
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މަހެއް ފުރުނުއިރު، އީރާނުގެ އަސްކަރިއްޔާ އޮތީ އެމެރިކާގެ އެއްގަމު ސިފައިންނާ ކުރިމަތިލާން ތައްޔާރަށް ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވެއްޖެއެވެ.

ޤާލީބާފް ތުހުމަތު ކުރެއްވި ގޮތުގައި، އެމެރިކާއިން ބޭރުފުށުން މަޝްވަރާގެ ވާހަކަ ދެއްކި ނަމަވެސް، ސިއްރިއްޔާތުގައި ދަނީ އީރާނަށް އެއްގަމު މަގުން އަރައިގަތުމަށް ރާވަމުންނެވެ. އޭނާ ވިދާޅުވީ، ހަނގުރާމައިގެ މައިދާނުގައި ނާކާމިޔާބުވި ކަންކަން ހާސިލްކުރުމަށް އެމެރިކާއިން 15 ނުކުތާގެ މައްޗަށް އެކުލެވޭ ލިސްޓެއް ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން ހުށަހަޅަމުންދާ ކަމަށެވެ.

އީރާނުގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރުގެ ގޮތުގައި ފާހަގަކުރެވޭ ޤާލީބާފް އިތުރަށް ވިދާޅުވީ، އެމެރިކާގެ ސިފައިން އީރާނުގެ ބިމަށް ފައި ބާލާނެ ވަގުތަކަށް އީރާނުގެ ދަރިން ތިބީ ކެތްމަދުވެފައި ކަމަށެވެ.

އަދި އެމެރިކާއަށް ވަރުގަދަ ހަމަލާތަކެއް ދީ، އެމެރިކާގެ ސަރަހައްދީ ބައިވެރިންނަށް ދާއިމީ އަދަބެއް ދޭނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ. "އެމެރިކާއިން އީރާނު ކުޑަކަކޫ ޖެއްސުމަށް ކުރާ އުއްމީދުތަކަށް އޮތް ޖަވާބަކީ ވަރަށް ސާފު ޖަވާބެއް، އެއީ ނިކަމެތިކަން ގަބޫލުކުރުމަކީ އަހަރެމެންނާ ދުރުގައިވާ ކަމެއް،" ޤާލީބާފް ވިދާޅުވިއެވެ.

މި ހަމަލާތައް ހުއްޓުވައި މަސްލަހަތު ފިނިކުރުމަށްޓަކައި ޕާކިސްތާނުން އިސްނަގައިގެން ތުރުކީ، މިސްރު އަދި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރުންނާ އެކު މިއަދު ދަނީ މުހިންމު މަޝްވަރާތަކެއް ބާއްވަމުންނެވެ.

ނަމަވެސް މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާގެ އަސްކަރީ މަނަވަރު 'ޔޫއެސްއެސް ޓްރިޕޮލީ' 3،500 ސިފައިންނާ އެކު މިހާރު ވަނީ މެދުއިރުމައްޗަށް ފޯރާފައެވެ. އަދި ޕެންޓަގަންއިން ދަނީ ކުރިއަށް އޮތް ތަނުގައި އަޅާނެ އަސްކަރީ ފިޔަވަޅުތަކާ މެދު އިތުރަށް ދިރާސާ ކުރަމުންކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު