ކަނޑުމަތީގައި ބިދޭސީއަކު މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ މައްސަލައިގެ ހުކުމް އިއްވުން މިއަދު ކްރިމިނަލް ކޯޓުން ފަސްކޮށްފިއެވެ.

މި މައްސަލައަކީ ޑިސެމްބަރު 2022 ގައި ވިލިމާލެއިން ފުރި ބޯޓެއްގައި މަސައްކަތް ކުރަމުންދަނިކޮށް ގެއްލުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލިޓަން މަރާލި ކަމަށް ބުނެ އުފުލާފައިވާ ދައުވާއެކެވެ. ލިޓަން ގެއްލުނު ފަހުން އޭނާއަށް ވީނުވީއެއް މިއަދާ ހަމައަށްވެސް އެނގިފައެއް ނުވެއެވެ.

މި މައްސަލާގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ލިޓަންއާ އެކު އެ ބޯޓުން ދަތުރުކުރި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށެވެ. މީގެ އިތުރުން ނިޒާމްގެ މައްޗަށް ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާ އާއި ވައްކަމުގެ ދައުވާއެއް ވެސް ދައުލަތުން ވަނީ އުފުލާފައެވެ.

ފުލުހުން ބުނާ ގޮތުގައި ނިޒާމް ލިޓަން މަރާލާފައިވަނީ އޭނާ މޫދަށް ވައްޓާލައިގެންނެވެ. އަދި ނިޒާމް މި ޖަރީމާ ހިންގާފައިވަނީ ބައިލައްކަ ރުފިޔާގެ ދަހިވެތިކަމުގައި ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ލިޓަން މަރާލުމަށްފަހު 51000 (ފަންސާސް އެއްހާސް ރުފިޔާ) އަށް ވުރެ ގިނަ ފައިސާ، މުޙައްމަދު ނިޒާމް ވަގަށް ނަގާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި، މި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު ހުކުމް އިއްވުމަށް މިއަދަށް ތާވަލުކުރި ނަމަވެސް، މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަގުތު ބޭނުންވާތީ ހުކުމް އިއްވުން ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ.

މިއީ ގެއްލިފައިވާ މީހެއްގެ ހަށިގަނޑު ފެނިފައި ނުވަނީސް، އެ މީހަކު މަރާލި ކަމުގެ ތުހުމަތުގައި ރާއްޖޭގައި މީހަކު މެރުމުގެ ދައުވާ އުފުލައި ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ. މި މައްސަލައިގެ ހުކުމް އިއްވާނެ އައު ތާރީޚެއް ކޯޓުން އަދި ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު