މޭޔަރ އާދަމް އާޒިމް
މޭޔަރ އާދަމް އާޒިމް
މާފަންނު ހުޅަނގު ދާއިރާގައި އެމްޑީޕީން ބޭއްވި ސިޔާސީ ހަރަކާތެއްގެ ތެރެއިން އެ ސަރަހައްދުން ކަރަންޓު ކަނޑާލި މައްސަލައިގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި ރޭ އިދިކޮޅު އެމްޑީޕީ އިން ޖަލްސާއެއް ކުރިއަށް ގެންދަނިކޮށް ކަރަންޓް ކަނޑާލުން މިއީ އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކަށް ހުރަސްއަޅައި، ޖެއްސުން ކުރުމުގެ ގޮތުން ސަރުކާރުން ގަސްތުގައި ހިންގި އަމަލެކެވެ.

މޭޔަރު ވިދާޅުވީ، ސަރުކާރުން ޖެއްސުން މިކުރެވުނީ ހަމައެކަނި އެމްޑީޕީއަށް ނޫން ކަމަށާއި، މިއީ އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް ދިން ބޮޑު ލަނޑެއް ކަމަށެވެ.

ކަރަންޓު ކަނޑާލުމުގެ ސަބަބުން ކުޑަކުދިންނާއި ދުވަސްވީ މީހުން ނިދިން މަހުރޫމްވެ، ގަދަ ހޫނުގައި އުޅެންޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މި އަމަލަކީ "ވިޔާނުދާ" އަމަލެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތް ކުރަން އައި ބައެއް ނޫން ކަމަށާއި، ފެންނަނީ ހުރިހާ ދިމާލަކުންވެސް ރައްޔިތުންނަށް ދަތިކޮށް ޖެއްސުން ކުރާތަން ކަމަށެވެ.

އެގޮތުން ބޭސްލިބުމާއި އާސަންދަ ލިބުމުގައި ހުރި ދަތިތަކަށް އިޝާރާތް ކުރައްވައި، ސަރުކާރުން ރައްޔިތުން "ކުޑަކަކޫ ޖައްސަން" އުޅުނަސް އެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓް ކަނޑާލުމާގުޅިގެން ޖަލްސާ ކުރިއަށް ގެންދިޔައީ ޖަނަރޭޓަރެއް ބަހައްޓައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

މޭޔަރ އާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް އެކަށީގެންވާ މިންވަރާ ގާތަށްވެސް ފޯރުކޮށް ނުދެވޭއިރު، އެއްވެސް ވިސްނުމެއް ނެތި ސަރުކާރުން ރައްތިތުން ކުރިމަތި ކުރުވާ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުން ތިބީ ސަރުކާރު ދެކެ ނުހަނު ފޫހިވެފައެވެ. އެކަން ރައްޔިތުން ކުރިއަށް އޮތް އިންތިހާބުގައި ދައްކާނެއެވެ. އަދި ބޮޑުތަނުން ކާމިޔާބު ހޯދައި މި ސަރުކާރު ނިމުމަކަށް ގެނައުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު