ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ދުނިޔޭގެ އިގްތިސާދަށް ބޭނުންވާ ހަކަތައިގެ ބޮޑު ބައެއް ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ކުރިމަތިވެފައިވާ މައްސަލަތަކަކީ، އެ ކަނޑުއޮޅި މާދަމާ ހުޅުވުނު ނަމަވެސް ވަގުތުން ހައްލުވާނެ ކަމެއް ނޫން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ޝިޕިންގ އަދި ވިޔަފާރީގެ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި، ދުނިޔޭގެ ސަޕްލައި ޗެއިންއަށް މިކަމުގެ ސަބަބުން ކުރިމަތިވި ލޮޅުންތަކުން އަރައިގަތުމަށް އަދި މަސްތަކެއް ނަގާނެއެވެ.

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން ހާމަކުރާ ގޮތުގައި، އީރާނުން ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން މިވަގުތުވެސް 2,000 އަށްވުރެ ގިނަ އުޅަނދު އެ ސަރަހައްދުގައި ތާށިވެފައި އެބައޮތެވެ.

އީރާނުން މިހާރު ހުއްދަ ދެނީ ހަމައެކަނި އެ ގައުމާ ގާތް ގުޅުމެއް ބާއްވާ ގައުމުތަކުގެ އުޅަނދުފަހަރަށް އެކަނި ކަމަށްވާއިރު، ގިނަ ކުންފުނިތަކަކުން މިހާރު ވަނީ އެފްރިކާ ވަށާލައި ދިގު ދަތުރުތައް ކުރަން މަޖުބޫރުވެފައެވެ. މިކަމުގެ ސަބަބުން މުދާ އުފުލުމުގެ އަގު ބޮޑުވެ، މުދާ ލިބުން ލަސްވަމުންދާކަން މާހިރުން ފާހަގަކުރެއެވެ.

ޝިޕިންގ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނިލްސް ހައުޕްޓް ވިދާޅުވި ގޮތުގައި، ހަނގުރާމަ ރަސްމީކޮށް ހުއްޓާލައި ކަނޑުއޮޅި ހުޅުވާލި ނަމަވެސް، ލޮޖިސްޓިކްސްގެ މަސައްކަތްތައް އޭރުން އަދި އޮތީ ފެށޭށެވެ. އެތައް ސަތޭކަ އުޅަނދެއް އެއްފަހަރާ ބަނދަރުތަކަށް ވަންނަން މަސައްކަތް ކުރުމުން ބަނދަރުތައް ތޮއްޖެހި، މުދާ ބޭލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ލަފާކުރެއެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ތެލާއި ގޭސް އުފެއްދުމަށްވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ހާލަތާ ގުޅިގެން ކަނޑު ދަތުރުފަތުރުގެ އިންޝުއަރެންސް ފީތައް 300 އިންސައްތައަށް އުފުލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މާހިރުން ވިދާޅުވާ ގޮތުގައި، މި ކަނޑުއޮޅީގެ ސަލާމަތްތެރިކަމަށް އޮތް އިތުބާރު އަލުން ހޯދުމަށް އަހަރުތަކެއް ނަގާފާނެއެވެ.

އަދި ކުރިމަގުގައި މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ގިނަ ކުންފުނިތަކަކުން މިހާރު މަސައްކަތް ކުރަމުންދަނީ ހަމައެކަނި ހޮރްމުޒް ކަނޑުއޮޅިއަށް ބަރޯސާނުވެ، މުދާ އުފުލާނެ އިތުރު މަގުތައް ހޯދުމަށެވެ. މިއީ ދުނިޔޭގެ ވިޔަފާރީގެ މަގުތަކަށް އަންނާނެ ދާއިމީ ބަދަލެއް ކަމަށްވެސް ބައެއް އެނަލިސްޓުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު