ލޫކަސް ޖަލީލް
ލޫކަސް ޖަލީލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ގޮސް، ސަރުކާރުން އިންތިޚާބާ ދިމާކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.

އޭސީސީގެ އިދާރާގެ ތެރޭގައި ހުރެ ދިން މި އިންޓަވިއުގައި ލޫކަސް ބުނީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ދިމާކޮށް މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އިއްތިފާގެއް ނޫން ކަމަށާއި، އެއީ ރައީސް މުއިއްޒު ރާވައިގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށެވެ.

ލޫކަސްގެ ވާހަކައިގައި އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ފަދަ މުއައްސަސާތައް މިހާރު ހިނގަމުންދަނީ ސީދާ ރައީސް މުއިއްޒުގެ ނުފޫޒުގެ ދަށުގައި ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔެވެ.

އޭނާ ފާހަގަކުރި ގޮތުގައި، އޭސީސީގެ ރައީސަށް ރައްޔިތުންގެ ފައިސާ އިން ބޮޑު މުސާރައެއް ލިބޭއިރު، ކޮރަޕްޝަން ބެލުމަށް އިތުރު 80 މިލިއަން ރުފިޔާ ބަޖެޓުން ބޭނުންވާ ކަމަށް ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި ރިޝްވަތު ދިނުމުގެ ކަންކަން ހިނގަމުންދާއިރުވެސް، މުއައްސަސާތަކުން އެކަންކަން ނުބަލައި ހަނު ތިބޭ ކަމަށް އޭނާ ތުހުމަތުކުރިއެވެ.

މީގެ އިތުރުން، ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ރަށްރަށަށް ގޮސް ފާޅުގައި ރިޝްވަތުގެ ފައިސާ ހުށަހަޅަމުންދާ ކަމަށާއި، 'މާލެ ހިޔާ' ގެ ވެރިންނަށް މުލީއާގޭގެ ތެރޭގައި ތިބެ ފައިސާ ބަހާނެ ކަމުގެ ވައުދުވަމުންދާ ކަމަށްވެސް ލޫކަސް ބުންޏެވެ. އަދި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުން ފަދަ ކަންކަމަކީވެސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުއްލިއަކަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް އޭނާ ސިފަކުރިއެވެ.

މިފަދަ އެތައް މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވީ ނަމަވެސް، އެއްވެސް ފިޔަވަޅެއް ނާޅާތީ އެކަމާ ލޫކަސް ކަންބޮޑުވުން ފާޅުކުރިއެވެ.

އިންޓަވިއު ނިންމާލަމުން ލޫކަސް ބުނީ، އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުގައި ރައްޔިތުން ނުކުމެ މިފަދަ ނުފޫޒުތަކަށް "ނޫނެކޭ" ބުނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަދި މިނިވަން މުއައްސަސާތަކުގެ ވެރިން ސަރުކާރުގެ ފިތުމުން ސަލާމަތްވެ، ރައްޔިތުންގެ ފަޅިއަށް އެރުމަށް އޭނާ ގޮވާލިއެވެ. ލޫކަސް ބުނި ގޮތުގައި އޭނާ އޭސީސީގެ އިދާރާގައި މަޑުކޮށްގެން އެ ހުރީ އެތަނުގެ ވެރިއެއްގެ ބަހެއް ލިބުމުން ނޫނީ ނުދާން ނިންމައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު