ބޭސްކުންފުނި ސްޓޭޓް ފާމަ
ބޭސްކުންފުނި ސްޓޭޓް ފާމަ
ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް ފޯރުކޮށްދިނުމަށް ސަރުކާރުން އަލަށް އުފެއްދި ކުންފުނި، ސްޓޭޓްފާމާއިން ބޭސް ހޯދުމަށް ގުޅާނޭ ޚާއްޞަ ހޮޓްލައިން ނަންބަރު 1505 އާއި އެކުންފުނީގެ އޮންލައިން ޕޯޓަލް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

ސްޓޭޓްފާމާއިން ބުނީ، އަލަށް ތައާރަފްކުރި 1505 ހޮޓްލައިން މެދުވެރިކޮށް ހަފްތާއަކު ހަތް ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށަކުންވެސް މި ނަންބަރަށް ގުޅައިގެން ބޭސް އޯޑަރު ކުރުމާއި، ޒަރޫރީ ސިއްހީ ސާމާނު ހޯދުމުގައި ބޭނުންވާ އެހީތެރިކަން ހޯދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން، ސްޓޭޓްފާމާގެ ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް އީފާސް ބޭނުންކޮށްގެން ބޭހަށް އޯޑަރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭހުގެ ސްޓޭޓަސް އާއި ޑެލިވެރީގެ ކަންތައްތައް ވަގުތުން ބަލާލެވޭނެ އިންތިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ.

މި އައު ޚިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ފަސޭހައިން ހޯދޭނެ މަގު ފަހިކޮށްދިނުމަކީ އެކުންފުނިން އެންމެ ބޮޑަށް އިސްކަންދޭ އެއް ކަންތައް ކަމަށެވެ.

"1505 ހޮޓްލައިނާއި ސްޓޭޓްފާމާ ޕޯޓަލް ތައާރަފު ކުރުމުގެ މައިގަނޑު މަގުސަދަކީ، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް، ބޭސްލިބުމުގައި ދިމާވާ ދަތިތައް ރައްޔިތުންނަށް ފަސޭހަކަމާއިއެކު ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުން. މި ވަސީލަތްތަކުގެ ސަބަބުން ރައްޔިތުންގެ ބޭނުންތައް ދެނެގަނެވި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޭސްފޯރުކޮށްދިނުމުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކުރެވޭނެ ކަމަށް ގަބޫލުކުރެވޭ،" ޑރ. ޝާހް ވިދާޅުވިއެވެ.

އެހެންކަމުން މުހިންމު ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް 1505 އަށް ގުޅުމަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އޯޑަރުކުރުމަށް ސްޓޭޓްފާމާއިން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ސްޓޭޓްފާމާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ލިބިދޭ ބާރުގެ ދަށުން 2025 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމެވެ.

ބޭހާއި މެޑިކަލް އާލާތްތައް ފަސޭހައިން ލިބެން ނެތުމަކީ ރައްޔިތުންގެ މެދުގައި ބޮޑު ޝަކުވާއަކަށް ވެފައިވާ ކަމަކަށްވާތީ، މި އައު ނިޒާމާއެކު އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު