ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ހުޅުމާލޭގައި މީރޭ ބޭއްވި އެމް.ޑީ.ޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ކުލި ކަނޑައެޅުމުގައި ގެންގުޅޭ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމް.ޑީ.ޕީ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) މެދުވެރިކޮށް އެޅި 4,000 ފްލެޓްގެ ކުލި މި ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށާއި، ދެ ކޮޓަރީގެ ފްލެޓަކަށް 8,000 ރުފިޔާ އަދި ތިން ކޮޓަރީގެ ފްލެޓަކަށް 13,000 ރުފިޔާ ނަގަމުންދާ ކަމަށެވެ. މިއީ އެމް.ޑީ.ޕީން ކަނޑައެޅި 5,000 އާއި 7,000 ރުފިޔާއަށްވުރެ މާ ބޮޑު އަދަދެއްކަން ފާހަގަކުރައްވައި، ހިޔާ ފްލެޓްތަކަށް ދިން ލުއި މި ފްލެޓްތަކަށް ނުދީ ހިފަހައްޓަނީ ސަރުކާރުގެ އިޚުލާޞްތެރިކަމެއް ނެތުމުން ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމް.އޭ.ސީ.އެލް ފަދަ ފައިދާވާ ކުންފުނިތަކަށް ސިޔާސީ ބޭނުމަށް ބޭކާރު ގޮތުގައި މުވައްޒަފުން އިތުރުކޮށް، އެ ކުންފުނިތަކުގެ ދުވަސް ދުއްވާލަމުންދާ ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ދައުރު ނިމުނުއިރު އެމް.އޭ.ސީ.އެލްގައި ތިބި 3,900 މުވައްޒަފުންގެ އަދަދު މިހާރު 6,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށާއި، މިއީ ކުންފުނިތައް ބަނގުރޫޓުވާން މެދުވެރިވާ ސަބަބެއް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ކެމްޕޭން ކުރަމުންދަނީ ވަޒީފާގެ ބިރު ދައްކައިގެންނާއި ފައިސާ ބޭނުންކޮށްގެން ކަމަށްވެސް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ ނުރައްކާތެރި ކަމެއްގެ ގޮތުގައި ރައީސް ޞާލިޙް ސިފަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީއަށް މިފަދަ ބޮޑު ބަދަލެއް ގެންނަން އުޅެނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށް ބުންޏަސް، އޭގެ ހަގީގީ ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް އޮތް ފުރުސަތު ނައްތާލުން ކަމަށެވެ.

އެހެންކަމުން، ކުރިއަށް އޮތް އެޕްރީލް 14 ގައި އޮންނަ އިންތިޚާބުގައި މާލޭގެ މޭޔަރު އާޒިމް އާއި އެމް.ޑީ.ޕީގެ ޓީމަށް ވޯޓު ދެއްވައި، މި ސަރުކާރުގެ އިންސާފެއް ނެތް ސިޔާސަތުތަކަށް 'ނޫނެކޭ' ބުނުމަށް އެމަނިކުފާނު ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު