ކޭޕާކް ފްލެޓްތައް
ކޭޕާކް ފްލެޓްތައް
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ރެޒިޑެންސް ފުލެޓުތަކުގެ މައްސަލައިގައި ސަރުކާރުން އިސްނަގައިގެން މިނިވަން އޮޑިޓެއް ހަދައި، އެ ފުލެޓުތައް ގަތް މީހުންނަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް ކޭޕާކު ޔޫނިއަނުން މިއަދު ގޮވާލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޔޫނިއަންގެ ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ކޭޕާކު ފުލެޓުތައް ގަނެފައިވަނީ ހުސް ދިވެހިން ކަމަށާއި، އޭގެ ތެރޭގައި ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައި ތިބި އާއިލާތައް ގިނަކަމަށެވެ.

އަލީ ވިދާޅުވީ، މީގެ 10 އަހަރު ކުރިން، 2016 ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ހަންބޯ ކުންފުންޏާ މި މަސައްކަތް ހަވާލުކުރި ނަމަވެސް، މިއަދާ ހަމައަށްވެސް އެ މަސައްކަތް ނިމިފައިނުވާތީ އާންމުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ.

"އޮޑިޓެއް ހެދުމަށްފަހު، މި ފުލެޓުތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ފުލެޓު ލިބޭނެ ގޮތް ހަދައިދޭން އެބަޖެހޭ. އެ ފަރާތްތަކާ ވާހަކަ ދައްކައިގެން މިކަމަށް ކޮންމެވެސް ހައްލެއް ހޯދައިދޭން އެބަޖެހޭ." އަލީ ވިދާޅުވިއެވެ.

ހަމައެއާއެކު އަލީ ވިދާޅުވީ، މި މައްސަލައިގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިކަމަށް ހައްލެއް ގެނެވޭނީ ހަމައެކަނި ދައުލަތަށް ކަމަށެވެ. އެއީ އެ ފުލެޓުތައް އިމާރާތްކޮށްފައިވާ ބިމުގެ މިލްކުވެރި ފަރާތަކީ ދައުލަތް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ކްރިމިނަލް ކޯޓުގައި ހުންނާނެކަން ފާހަގަކުރަށްވައި، ޢަލީ ވިދާޅުވީ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ސަރުކާރުން ހައްލު ހޯދައިދޭ އުސޫލުން ކޭޕާކު މީހުންނަށްވެސް ހައްލު ލިބެންޖެހޭނެ ކަމަށެވެ.

ކޭޕާކް ޔޫނިއަނުން ވަނީ މި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް، ފައިސާ ދެއްކި މީހުންނަށް އެ ތަނުން ފުލެޓު ކަށަވަރުކޮށްދިނުމަށް އެދިފައެވެ. އަދި އެކަން ކުރެވެން ނެތް ނަމަ، ސަރުކާރުގެ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ނަމަވެސް އެ މީހުންނަށް ފުލެޓު ހަމަޖައްސައިދިނުމަށް މިއަދު ވަނީ ގޮވާލާފައެވެ.

ކޭޕާކް ރެޒިޑެންސްގެ މަސައްކަތް ހުއްޓި، ގިނަ ބަޔަކަށް އޮޅުވާލައިގެން ފުލެޓު ވިއްކި މައްސަލައިގައި އެ މަސައްކަތުގައި އިސްކޮށް އުޅުނު ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ވަނީ ބޮޑެތި ހުކުމްތަކެއް އިއްވާފައެވެ. އެގޮތުން މިދިޔަ ޑިސެމްބަރު 31 ގައި އޭނާ 397 އަހަރަށް ޖަލަށްލުމަށާއި، 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އޭނާގެ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައަށް 9 އަހަރުވެ، އާންމުންނަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާއިރު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދު ދެއްވާފައެވެ. ނަމަވެސް، މިހާތަނަށް އެދެވޭ އަމަލީ ހައްލެއް ފެނިފައި ނުވާތީ، ޔޫނިއަނުން ވަނީ ސަރުކާރުގެ އަވަސް ސަމާލުކަމަކަށް އެދޭ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު