ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)
މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި އިންތިޚާބާ ދިމާކޮށް ހިންގި ކަންކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް)، މަޒާޖީ ރޫޙެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް ސަރުކާރަށް މިބީދައިން ފާޑުވިދާޅުވީ، ސަރުކާރުގެ ކޮރަޕްޝަނާއި ނޭދެވޭ ކަންކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑުކޮށް ދައްކަވާ މިދުއަމް ސައުދު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. މިދުއަމްގެ ޕޯސްޓުގައި ވަނީ، އޭނާގެ އަންދާޒީ ހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އޭރުގެ ސަރުކާރުން ކުރި ޚަރަދަށްވުރެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ފަހުން ބޭއްވި ކައުންސިލް ބައި-އިލެކްޝަންތަކުގެ ކެމްޕޭނަށް ކުރި ޚަރަދު ބޮޑުކަމަށް ތުހުމަތުކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ނަފާ ނަސީމް ކުރެއްވި ޕޯސްޓެއްގައި، ސަރުކާރުގެ ދިފާޢުގައި ވާހަކަދައްކަވާ ފަދަ މަޒާޖީ ރޫޙެއްގައި ވިދާޅުވީ، "ނުވާނެ ތިހެންނެއް! މީ ޚަރަދުކުޑަކުރަން ވެގެން، އެންމެ ޚަރަދުކުޑަކޮށް އެއްވެސް ކަރަޕްޝަނެއް ނެތި ދުނިޔޭގެ ތާރީޚުގަ ހިންގި ހަމައެކަނި އިންތިޚާބު!" މިހެންނެވެ. މިއީ ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ނުސީދާކޮށް ދެއްވި ހޫނު ރައްދެކެވެ.



އިތުރަށް އޭނާ ވިދާޅުވީ، ސަރުކާރުން ވަޒީފާއެއް ނުބަހާ ކަމަށާއި، ލާރިއެއް ނުބަހާ ކަމަށާއި، އަދި ލޯނެއްވެސް ދޫނުކުރާ ކަމަށެވެ. މީގެ އިތުރުން، ކޯޓުތަކުގައި ހުރި މައްސަލަތައް ނުނަގާ ކަމަށާއި، ފުލެޓެއް ވެސް ދީފައި ނުވާނެ ކަމަށް ވިދާޅުވެ، އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރާ ކަންކަމަށް ވަރުގަދަ މަލާމާތެއް ރައްދުކުރެއްވިއެވެ.

"ދިނަސް ދިނީ ޢުމްރާ ދަތުރެއް!" ނަސީމްގެ ޕޯސްޓު ނިންމާލަމުން ވިދާޅުވެފައިވެއެވެ.

ނަފާ ނަސީމް މިހެން ވިދާޅުވެފައި ވާއިރު، މިކަމުންވެސް ރައީސް މުއިއްޒުގެ ސަރުކާރުގެ "ޚަރަދު ކުޑަކުރުމުގެ" ސިޔާސަތާއި އަމަލީ ގޮތުން ފެންނަ ކަންކަމާ ހުރި ފުށުއެރުންތައް ހާމަވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު