އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު
އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު
އިރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ އާއި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތަކާއި މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށާއި، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމަށް ކުރާނެ އަސަރުތަކުގެ މައްޗަށެވެ.

ދެ ވަޒީރުންގެ މި ބައްދަލުވުމުގައި، އިރާނާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ އަދި ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ މި ދަނޑިވަޅުގައި، މަޝްވަރާގެ މަގުން މައްސަލަތައް ހައްލުކުރުމަށް އިންޑިއާގެ ވަޒީރު ޖައިޝަންކަރު ބާރުއެޅުއްވިއިރު، އިރާނުގެ ޚާރިޖީ ވަޒީރު ވަނީ އެ ގައުމުގެ ސިޔާދަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، ބްރިކްސް ފަދަ ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމާއި، ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މި މަޝްވަރާތަކަކީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ސަރަހައްދީ ގައުމުތަކުން އިސްނަގައިގެން ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު