އެމްޕީ އަސްމާ، އަސްމާގެ ދަރިފުޅު މުންދު އަދި އަސްމާގެ ކޮއްކޮ ސަލްމާ-
އެމްޕީ އަސްމާ، އަސްމާގެ ދަރިފުޅު މުންދު އަދި އަސްމާގެ ކޮއްކޮ ސަލްމާ-
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ކޯލް ރިކޯޑިންއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވަނިކޮށް، އޭނާގެ އާއިލާގެ ބޭފުޅުންތަކެއް ސަރުކާރުގެ މަތީ މަގާމުތަކުން މިއަދު ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބަދަލާ ގުޅިގެން މަގާމުން ވަކިކުރެވުނު ބޭފުޅުންގެ ތެރޭގައި އަސްމާގެ ދަރިފުޅު، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އަސްމާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހިމެނެއެވެ. މީގެ އިތުރުން އަސްމާގެ ދަރިފުޅު، ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މުންދުއާއި ސަލްމާ މަގާމުން ވަކިކުރިކަން މީޑިއާތަކަށް ކަށަވަރުކޮށް ދެއްވާފައެވެ. ނަމަވެސް، މި ބޭފުޅުން މަގާމުން ވަކިކުރި ވަކި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ފިޔަވަޅުތައް އަޅާފައި މިވަނީ، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ ރަޝީދު މީހަކާ ދެއްކެވި ކަމަށް ބުނާ ފޯނު ކޯލެއްގެ އޯޑިއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. އެ އޯޑިއޯގައި އަސްމާ އެދިވަޑައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުގެ މަތީ މަގާމުތަކުން މި ބޭފުޅުން ވަކިކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގައި ވެރިކަންކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު