ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ރައީސް ޑރ. މުހައްމަދު މުއިއްޒު އަތުންފަޔަށް ގޯސްތަކެއް ހައްދަވަމުންދާ ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނުމުން ވާންޖެހެނީ އިސްލާހު ކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ، ޕީޕީއެމްއަށް އެތައް ގުރުބާނީއެއްވި ބޭފުޅުން މަގާމުން ވަކިކުރަންވީ ނޫން ކަމަށާއި، ރައީސް މުއިއްޒު މުޅި ވަތަނީ ފިކުރު ހަލާކުކޮށްލައިފި ކަމަށެވެ. އަދި ރައީސް މުއިއްޒަކީ އަމިއްލަ ފަޔަށް ބަޑިޖަހާ ޒާތުގެ ބޭފުޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.



މަލީހް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިހާބުތަކުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ސަރުކާރުގެ މަތީ ފަންތީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިފުޅު، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އަސްމާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހިމެނެއެވެ.



މުންދު މަގާމުން ވަކިކުރުމާ ގުޅިގެން މަލީހް ވިދާޅުވީ، މުންދު ވަކިކުރުމަކީ ރައީސް މުއިއްޒުގެ ގޮތް ކުޑަކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މުންދުގެ ކޮންޓްރިބިއުޝަން ޕީއެންސީ އަށާއި ވަތަނީ ފިކުރަށް ރައީސް މުއިއްޒަށްވުރެ އެތައް ގުނައެއް ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



މީގެ އިތުރުން މަލީހް ވަނީ ވަކިކުރާ ބޭފުޅުންނަށް ޕީއެންއެފްއާ ގުޅުމަށް ދައުވަތު ދެއްވާފައެވެ. އޭނާ ވިދާޅުވީ، "ޕީއެންއެފްގެ ދޮރު ހުރީ ބޮޑަށް ހުޅުވިފައި ކަމަށާއި، ވަތަނީ ލަޝްކަރު ޖަމާވާންވީ ވަގުތު ޖެހިއްޖެ ކަމަަށެވެ. "މިއީ އެއް އާއިލާއެއް" މަލީހް ވިދާޅުވިއެވެ.

ސަފީރުންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ވެސް ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި، އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު