ކުރީގެ ބަންޑާރަނާއިބު ޑރ. މުޙައްމަދު މުނައްވަރު
ކުރީގެ ބަންޑާރަނާއިބު ޑރ. މުޙައްމަދު މުނައްވަރު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚަކީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގަންނަވާތާ ގާތްގަނޑަކަށް ދެ އަހަރު ފަހުން އަންނަ ތާރީޚަކަށް ހެދުމުގެ މުހިންމުކަން ކުރީގެ ބަންޑާރަނާއިބު ޑރ. މުޙައްމަދު މުނައްވަރު ފާހަގަކުރަށްވައިފިއެވެ.

"ރަސް އޮންލައިން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޑރ. މުނައްވަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެން ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު މަޖިލިސް އިންތިޚާބު ބޭއްވުމުން، ސަރުކާރުގެ ސިޔާސަތުތަކާއި، ނިންމުންތަކާ މެދު ރައްޔިތުންނަށް ޙަގީގީ ބަސް ބުނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ މިދިޔަ ހޮނިހިރު ދުވަހު އިންތިޚާބުތައް އެއްކޮށްލުމާ ދެކޮޅަށް ރައްޔިތުން ބަސްބުނި މައިގަނޑު އެއް ސަބަބު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މިހާރުގެ ސިޔާސީ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން ޑރ. މުނައްވަރު ވިދާޅުވީ، މި ސަރުކާރުން ގައުމުގެ ކަންކަން ކުރިއަށް ގެންދަނީ އެންމެ ރަނގަޅަށް ނޫންކަން ފެންނަން އޮތް ކަމަށެވެ. ވަކިން ހާއްސަކޮށް ޒުވާނުންނާ ގުޅޭ ސިޔާސަތުތަކާއި، ގައުމުގެ އިގްތިސާދާ ގުޅޭ ގޮތުން ރައްޔިތުންނަށް ފެންނަ ފަދަ އަމަލީ (ޓެންޖިބަލް) އެއްވެސް މަސައްކަތެއް ކުރެވޭތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިންގަލް ޖުމްލައަކުން ޖަވާބު ދެވޭ ވަރަށްވުރެ ބޮޑު ސުވާލެއްތީ. ބައިވަރު ކަންތައްތައް. ހުރިހާ ކަމެއްވެސް ރަނގަޅު ކުރަންވީ. ފަށައިގަންނަންވީ މިހާރު. މި ސަރުކާރުގެ އެންމެ އިސް ބޭފުޅުންގެ އެޓިޓިއުޑާއި ރައްޔިތުންނާ ދޭތެރޭ ވިސްނަވާ ގޮތާ. ރައްޔިތުންނަކީ އަބަދު ދޮގު ގަބޫލު ކޮށްގެން ތިބޭނެ ބައެއް ނޫން." މުނައްވަރު ވިދާޅުވިއެވެ،

މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމާއި ވަޒީފާ ދިނުމުގައި ހުރި މައްސަލަތަކަށް ޑރ. މުނައްވަރު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ކުންފުނިތަކުގެ އިގްތިސާދީ ނަތީޖާއަށް ބެލުމެއް ނެތި، އާއިލީ މީހުންނާއި، ރައްޓެހިންނަށް ސިޔާސީ ބޭނުމަށް ވަޒީފާ ދެމުންދާ ކަމަށާއި، ކުންފުނިތަކުގެ ބޯޑުތަކަށް މީހުން އައްޔަން ކުރަނީ ގައުމުގެ ލާބައަށް ބެލުމެއް ނެތި ގާނޫނާ ހިލާފަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ، އެއްވެސް ވަޒީރަކު މަސައްކަތް ކުރަށްވާ ތަން ނުފެންނަ ކަމަށާއި، ރައްޔިތުންގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ކުރިއަށް ނުދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސް އުޅުއްވަނީ ވަކި މަގާމެއް ލިބިވަޑައިގެން އުޅުއްވާ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހުރިހާ ކަމެއްގެ ޖަވާބު ރައްޔިތުން ވަނީ ދީފައި. ރައްޔިތުންގެ މަންދޫބުން ތަޅުއެޅުވުމާއި މިފަދަ އެތައް ކަމެއްގެ ސަބަބުން ރައްޔިތުން މިވަނީ ބަސް އިއްވާފައި." ޑރ. މުނައްވަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޑރ. މުނައްވަރު ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް ބޭފުޅުންގެ އެޓިޓިއުޑާއި ރައްޔިތުންނާ މެދު ވިސްނާ ގޮތް ބަދަލުކޮށް، ކަންކަން އިސްލާހު ކުރަން މިހާރުން މިހާރަށް ފަށަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަކީ އަބަދު ދޮގު ގަބޫލުކޮށްގެން ތިބޭނެ ބައެއް ނޫންކަން ހަނދާން ބަހައްޓަން ޖެހޭނެކަމަށް ޑރ. މުނައްވަރު ވަނީ ވިދާޅުވެފައެވެ.

ޑރ. މުނައްވަރު މިހެން ވިދާޅުވެފައިވާއިރު، ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފެންނަ ނުފެންނަ ވޯޓުގައި 70 އިންސައްތަ ރައްޔިތުން ވަނީ ސަރުކާރުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު