އަހްމަދު މޫސާ (އައްމަޓީ)
އަހްމަދު މޫސާ (އައްމަޓީ)
މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާ ކޮށްފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ކްރިމިނަލް ކޯޓުގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

ޕީޖީން އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ހަވާލުކުރެވިފައި ވަނިކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހައުސިން ޔުނިޓްތައް ނިންމާ ފުރިހަމަ ނުކޮށް، ތަފާތު ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައެވެ.

މި ތުހުމަތުތަކާ ގުޅިގެން، ހިޔާނާތްތެރިވުމުގެ ކުށުގެ ޖުމްލަ 42 ދައުވާ، 30 މޭ 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި، ދިގު ޝަރީއަތަކަށްފަހު، ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

އަންމަޓީގެ މައްޗަށް ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ހުށަހެޅިފައިވާ ދައުވާތަކަކީ ޖިނާއީ ތަބީއަތުގެ ދައުވާތަކެއް ނޫން ކަމަށާއި، ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ކަންކަމަކީ މަދަނީ ތަބީއަތުގެ މުއާމަލާތްތަކެއް ކަމަށް ވާތީ، ފިޔަވަޅު އަޅަންޖެހެނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް، މައްސަލަ ބެއްލެވި ފަނޑިޔާރު އިއްވެވި ހުކުމްގައިވެއެވެ.

މި މައްސަލާގައި ޕީޖީ އޮފީހުން ބުނީ، ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކަކީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ހުރިހާ އުންސުރެއް ފުރިހަމަވާ ދައުވާތަކެއް ކަމަށް ދެކޭ ކަމަށެވެ.

"މިއީ މަދަނީ ތަބީއަތުގެ މުއާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މި ދައުވާތައް ސާބިތު ކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމާ ނުލައި، އަދި ގާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ދެކެމެވެ." ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ޕީޖީ އޮފީހުން ވަނީ، ކްރިމިނަލް ކޯޓުގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގަސްދުކުރާ ކަމަށް ވެސް ހާމަކޮށްފައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 300 މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 48 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު