ބާރަށު މެންބަރު ސުޖާއު
ބާރަށު މެންބަރު ސުޖާއު
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ދުވަސްވަރު، މިހާރު އެމަނިކުފާނުގެ އަރިހުގައި ތިއްބެވި "ބޮނޑިބަތް ފެކްޝަން" ގެ ބޭފުޅުން ފެންނަން ނެތް ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދަ ބަހުގެ ހަމަލާއެއް ދެއްވާފައިވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފް އިން ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

ޝުޖާއު ސިފަކުރެއްވި ގޮތުގައި، އޭރު އެ ބޭފުޅުން ތިއްބެވީ ކޯޓުތަކުގެ ތެރޭގައި "ފިލްމު ކުޅޭށެވެ". އަދި މުޒާހަރާއެއް އޮންނަ ކޮންމެ ފަހަރަކު އެ ބޭފުޅުން ފިލާ ކަމަށާއި، ޤާނޫނީ މާހިރުންގެ ނަމުގައި ތިއްބެވި ނަމަވެސް ރައީސް ޔާމީނަށްޓަކައި އޭރު ކޮށްދެއްވި އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިއަދު އެ ބޭފުޅުން މަގުމަތީގައި ހަރަކާތްތެރިވަނީ ރައީސް ޔާމީން މިނިވަންވެ، ގޭގައި ހުންނެވުމުން "ދެއްކެން" ވެގެން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީއެންއެފްގެ އިސް ބޭފުޅުންގެ އަސްލު ސޫރަ މިހާރު ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ޕީއެންއެފް އިން މިހާރު މާލޭގައި ކުރިއަށްގެންދާ އެއްވުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތިއުފާއަށް ގޮވާލައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް ވިދާޅުވެފައިވަނީ މި އިހުތިޖާޖުތަކަކީ އާންމު މެންބަރުންގެ އެދުމުގެ މަތިން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ހަރަކާތްތަކެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު