"އެމް.ކިއު-9 ރީޕާ" މަރުކާގެ ޑްރޯން
"އެމް.ކިއު-9 ރީޕާ" މަރުކާގެ ޑްރޯން
އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިދިޔަ އޭޕްރީލް މަހުގެ އެކަކުން ފެށިގެން އެމެރިކާގެ "އެމް.ކިއު-9 ރީޕާ" މަރުކާގެ އަށް ޑްރޯން ވައްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސީ.ބީ.އެސް ނިއުސްއާ ހަވާލާދީ އާނަޑޯލޫ އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަނުޖެހުންތަކުގެ ތެރޭގައި އެމެރިކާއިން މިހާތަނަށް ގެއްލުނު ޑްރޯންތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 24 އަށް އަރާފައެވެ.

މި ޑްރޯންތަކަކީ އާންމުކޮށް ޖާސޫސީ މަޢުލޫމާތު އެއްކުރުމަށާއި، ފާރަވެރިވުމުގެ އިތުރުން އަމާޒުތަކަށް ޙަމަލާދިނުމަށް ބޭނުންކުރާ ވަސީލަތްތަކެކެވެ.

މި ގެއްލުންތަކުގެ ސަބަބުން އެމެރިކާއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، މިދިޔަ އޭޕްރީލް މަހު އީރާނުން ވައްޓާލި އަށް ޑްރޯންގެ އަގު ގާތްގަނޑަކަށް 720 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެއެވެ. "ރީޕާ" މަރުކާގެ ކޮންމެ ޑްރޯންއެއްގެ އަގު، އޭގެ މޮޑެލްއަށް ބަލައި، 30 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް މާލީ މާހިރުން ބުނެއެވެ.

މިއީ ޖެނެރަލް އެޓޮމިކްސް އެއިރޯނޮޓިކަލް ސިސްޓަމްސްއިން އުފައްދާފައިވާ، ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.

އެމެރިކާ އާއި އިސްރާއީލް ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިރާނުގެ 13،000 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައިވެއެވެ.

ހަމައެއާއެކު، އިރާނުންވެސް ވަނީ އެ ސަރަހައްދުގެ 12 ގައުމެއްގައި ހުރި އަމާޒުތަކަށް ރައްދުގައި ހަމަލާދީފައެވެ.

މިދިޔަ އަންގާރަ ދުވަހު ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އިއުލާންކޮށްފައިވީ ނަމަވެސް، އިސްރާއީލުން ލުބުނާނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދިނުން ހުއްޓާނުލާ ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު