މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މެދުވެރިކޮށް، ސިޔާސީ ނުފޫޒުން ވަޒީފާ ދީފައިވާ ބަޔަކަށް ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަދޭ މައްސަލައިގައި ދީނީ ޢިލްމުވެރިން ހަނު ތިއްބަވާތީ މަޝްހޫރު ޤާނޫނީ ވަކީލު އަޙްމަދު އުސައިދު ޙަސަން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ޝުޢޫރު ފާޅުކުރައްވަމުން އުސައިދު ވިދާޅުވީ، މި މައްސަލާގައި ކޮންމެ މީހަކީވެސް އިންސާނަކަށް ވީތީ އިޙްތިރާމް ލިބިގެންވާ މީހެއް ކަމަށް ބުނެ ފަރުޖައްސާލެވެން ނެތް ކަމަށެވެ. އަދި ތިމާގެ ޢިއްޒަތާއި ޤަދަރު ހިފެހެއްޓުމަކީ އަމިއްލަ ނަފްސަށް އޮތް ކަމެއްކަން ފާހަގަކުރައްވައި އުސައިދު ވިދާޅުވީ، މަޤާމުތަކަށް އެކަށީގެންވާ ތަޢުލީމީ ޤާބިލު އެތައް ބަޔަކު ތިއްބައި، ތިމާއާ ނުގުޅޭ ނުވަތަ ޤާބިލުކަން ނެތް މަޤާމަކަށް ވަންނަ ހިސާބުން އަމިއްލަ ނަފްސުގެ ޙުރުމަތް ކަނޑާލެވެނީ ކަމަށެވެ.

"ވަޒީފާގައި އެއްވެސް ކަމެއް ނުކޮށް ރައްޔިތުންގެ ފައިސާއިން ތިރީސް ހާހުން ލައްކައިން މުސާރަ ނަގައިގެން ހުންނައިރު އެ ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟" އުސައިދު ސުވާލު އުފެއްދެވިއެވެ. ހަމައެއާއެކު އޭނާ ތުހުމަތު ކުރަށްވާފައިވަނީ، ނުހައްޤުން ހޯދާ އޯޓީ (އިތުރުގަޑީގެ ފައިސާ) ޙަރާމްވާނެ ކަމަށް ފަތުވާ ނެރެން ކެރޭ ޢިލްމުވެރިންނަށް، މިފަދަ ބޮޑެތި ޚިޔާނާތްތަކުގެ ވާހަކަ ދައްކަން ނުކެރެނީ އެމީހުންވެސް މި އަވައިގައި ޖެހިފައި ތިބުމުން ކަމަށެވެ. އަދި މިފަދަ މައުޟޫޢުތަކުގައި ޢުމަރުގެ ފާނުގެ ޢަދުލުވެރިކަމުގެ ވާހަކަ ދައްކަވާނެ ސުންނީ މާތް ޝޭޚަކު މިއަދު ފެންނަން ނެތް ކަމަށް ވިދާޅުވެ އޭނާ ހިތާމަ ފާޅުކުރެއްވިއެވެ.



މީސްމީޑިއާގައި ދައުރުވަމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، އެމްއޭސީއެލްއަށް ސިޔާސީ ގޮތުން އައްޔަނުކޮށްފައިވާ 85 މީހަކަށް ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން 2.1 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. މީގެ ތެރޭގައި ސިޔާސީ ނުފޫޒުން ވަޒީފާ ހޯދައިގެން، އޮފީހަށް ނުނިކުމެ މަހަކު 30،000 އާއި 40,000 އާ ދެމެދުގެ މުސާރަ ނަގާ މީހުން ހިމެނޭ ކަމަށް ތުހުމަތު ކުރެވެއެވެ.



އެމްއޭސީއެލްގެ ސިޔާސީ މުވައްޒަފުންގެ ލިސްޓު ކަމަށްބުނެ ދައުރުކުރާ ލިސްޓް


ލީކުވެފައިވާ ލިސްޓުގައިވާ ގޮތުން، މަހަކު ބައި ލައްކައާ ގާތްކުރާ އަދަދަކަށް މުސާރަ ލިބޭ މީހުންގެ ތެރޭގައި ސިޓީސް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒު އަދުދާނާއި، ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙަސަން ނަޖީބު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި، މަޝްހޫރު ފިލްމީ ތަރިންނާއި، ކުރީގެ ނޫސްވެރިންނަށްވެސް މި ކުންފުނިން ބޮޑެތި މުސާރަ ދެމުންދާކަން ވަނީ ހާމަވެފައެވެ.

މި މައްސަލައާ ގުޅިގެން އާންމުން ބުނަމުންދަނީ، މިއީ ހަމައެކަނި ސަރުކާރުގެ މައްސަލައެއް ނޫން ކަމަށާއި، އެއްވެސް މަސައްކަތެއް ނުކޮށް "ޙަރާމް" ގޮތުގައި ފައިސާ ހޯދާ ފަރާތްތަކުގެ އަޚްލާޤީ މައްސަލައެއްވެސް ކަމަށެވެ. މިފަދަ ކަންކަމަކީ ކޮންމެ ވެރިކަމެއްގައިވެސް ތަކުރާރުވަމުންދާ ނޭދެވޭ އާދައެއްގެ ގޮތުގައި އާންމުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު