ފޮޓޯ: އިލެކްޝަން ކޮމިޝަން
ފޮޓޯ: އިލެކްޝަން ކޮމިޝަން
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށްދާނީ ކައުންސިލްގެ ދެ ގޮނޑިއަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށް މީހުން އިންތިޚާބު ކުރުމަށް ކަމަށެވެ. މި ދާއިރާތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ދެވަނަ ބުރެއް ބާއްވަން ޖެހުނީ، އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެންނެވެ.

ދެވަނަ ބުރު ބާއްވާ ދާއިރާތަކާއި ވާދަކުރާ ކެންޑިޑޭޓުން:

ބ. ދޮންފަން ކައުންސިލް (އަންހެނުންނަށް ޚާއްޞަ ގޮނޑި): ޕީއެންސީގެ ޢާއިޝަތު މުނާ އާއި އެމްޑީޕީގެ އާމިނަތު ރަފާހް.

ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާ (އަންހެނުންނަށް ޚާއްޞަ ގޮނޑި): ޕީއެންސީގެ ޢާއިޝަތު ޢަބްދުލްޤާދިރު އާއި އަމިއްލަ ގޮތުން ވާދަކުރާ ޝީޒާ އިބްރާހީމް.

ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް: އެމްޑީޕީގެ މަހުދިއްޔާ އާދަމް އާއި ޕީއެންސީގެ ޙައްވާ ފަޒުނާ.

ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު: ޕީއެންސީގެ ފާޠިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރާ ފާޠިމަތު ނިޝާދާ.

ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު: ޕީއެންސީގެ ފާޠިމަތު ޝާފިޔާ އާއި އެމްޑީޕީގެ މަރްޔަމް މާޢިޝާ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް އަލަށް އިތުރުވާ ފަރާތްތަކުގެ ލިސްޓުވެސް އާންމުކޮށްފައެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވުނު އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުލީ އިންތިޚާބެވެ. އެގޮތުން ޖުމްލަ 215،346 މީހުން ވޯޓުލާފައިވާއިރު، މިއީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 73 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.

މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ރާއްޖޭގެ ފަސް ސިޓީ ހިމެނޭހެން، އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ.



ކިޔުންތެރިންގެ ހިޔާލު