ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު-
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު-
ސުކޫކް ދައްކައި ނިންމުމުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ކަމަށް އުންމީދު ކުރި ފުރިހަމަ ފައިދާތަކަށް، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މާތްﷲގެ ރަޙުމަތްފުޅާއެކު ސަރުކާރުން މިހާރު ވަނީ ސުކޫކަށް ދައްކަންޖެހޭ ފައިސާ ދައްކައި މުޅިން ޚަލާޞްކޮށްފައި ކަމަށެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެލެއްވި ފަހުން، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ދުރާލާ ރާއްވަވައިގެން ކުރެއްވި ވަރަށް މުހިއްމު އަދި އެހާމެ ކާމިޔާބު މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ސުކޫކް ދައްކައި ނިމުނުއިރު ދުނިޔޭގެ މަސްރަޙު، ޚާއްޞަކޮށް މެދުއިރުމަތީގެ ހާލަތު ހަނގުރާމައެއްގެ ތެރޭގައި އޮތުމުން، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބެންޖެހޭ އެންމެ ބޮޑު މަންފާ މިވަގުތު ނުލިބޭކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން އިޤްތިޞާދީ މަންފާ ލިބުން ލަސްވި ނަމަވެސް، ހަނގުރާމައިގެ ހާލަތު ރަނގަޅުވުމުން ރައީސް މުޢިއްޒު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ފައިދާ ރާއްޖެއަށް ފެންނަން ފަށާނެއެވެ.

މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މިނިސްޓަރު ވާހަކަދެއްކެވިއެވެ. އެގޮތުން، ރައީސްގެ އިރުޝާދުގެ މަތިން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން އެއްވެސް ދަތުރެއް ސަރުކާރުގެ ޚަރަދުގައި ނުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު ކުރިއަށްގެންދަނީ ހަމައެކަނި ބޭރުގެ އެކި ފަރާތްތަކުން ފަންޑުކުރާ "ފަންޑެޑް" ދަތުރުތައް އެކަނި ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށްވެސް މިހާރު އަންގާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ފިޔަވަޅުތައް އެޅި ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އިސްކަންދޭ ކަންތައް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ދުނިޔޭގެ އިޤްތިޞާދީ ހާލަތަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، ދަރަނި މެނޭޖްކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު