ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް އާސަންދަ ދިނުން ހުއްޓާލާފައިވާ ކަމަށާއި، ބޭސް ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ބޭރުކޮށްލާފައިވަނީ އޭގައި ހިމެނޭ ކަންކަމުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށް ބުނެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މި މައްސަލާގައި ބުނެފައިވަނީ، މި އަހަރު ފެށުނީއްސުރެ އަމިއްލަ ބައެއް ބޮޑެތި ހޮސްޕިޓަލްތަކުން އާސަންދަ ކަނޑާލާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ބޭނުންވާ ބޭހާއި މެޑިކަލް އިކުއިޕްމަންޓް ނުލިބޭ ކަމުގެ ޝަކުވާ އާންމުންގެ ފަރާތުން އިތުރުވަމުންދާ ކަމަށްވެސް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައަށް ބާރުދިނުމުގެ ގޮތުން ކުޑޫ ވަނީ، ކާނާ ދޭ ހޮޅިއެއް ނުލިބިގެން އަށް މަސް ދުވަސް ވަންދެން މަޑުކުރަން ޖެހުމުގެ ސަބަބުން ހާލަތު ގޯސްވެ، މިދިޔަ މާޗު މަހު މަރުވި ހަ އަހަރުގެ ކުއްޖާގެ ހާދިސާ ފާހަގަކުރައްވާފައެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މިފަދަ މައްސަލަތައް ކުރިމަތިވަނީ އެސްޓީއޯ އަދި އެންސްޕާގެ ޕްރޮކިއުމަންޓް އުސޫލުތަކަށް ސަރުކާރުން ބަދަލު ގެނެސް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޭސް އެތެރެކުރަން ފެށުމުންނެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ ކަންކަމަށް ވާންޖެހޭނެ ކަމަށާއި، އެކަން ކަށަވަރު ކުރުމަކީ މައްސަލަ ހުށަހަޅާ މެންބަރުގެ ޒިންމާއެއް ކަމަށެވެ.

މެންބަރު ކުރެއްވި ކޮރަޕްޝަނުގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، މި މައްސަލައަކީ ކުއްލި މައްސަލައެއްގެ ސިފަ ފުރިހަމަވާ މައްސަލައެއް ނޫން ކަމަށް ނިންމަވައި، ނާޒިމް ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު