ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މިއަދު ގޮވާލަށްވައިފިއެވެ.

ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ އެމަނިކުފާނުގެ އެކްސް އެކައުންޓުން މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު އޮތް ކެބިނެޓުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ވަނީ ގެއްލިފައި ކަމަށެވެ. އަދި ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ރައްޔިތުންގެ އިތުބާރުވެސް މިހާރު ގެއްލިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް އިޝާރާތް ކުރައްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، މި ދަނޑިވަޅަކީ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދަށް ބޮޑުކޮށް ކުރަން ފަށާފައިވާ ވަގުތެއް ކަމަށެވެ.

އެހެންކަމުން، ގައުމަށް މިހާރު ބޭނުންވެފައިވާ އަސާސީ އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ރާވައި ހިންގުމަށްޓަކައި، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ މި ހުށަހެޅުމާ ގުޅޭގޮތުން ސަރުކާރުން ނުވަތަ އެހެން ސިޔާސީ ޕާޓީތަކުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވާފައިވާތީ، ރައީސް ނަޝީދުގެ މި ގޮވާލެއްވުމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އިންތިޚާބުގެ ނަތީޖާއަށް ބަލައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން އިޞްލާޙު ކުރަށްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު