މަރްޔަމް ނަހްދާ ވަޙީދު   14 އޭޕްރީލު 2026 - 17:9
މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް، އޭނާގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާތައް ސާބިތުވެ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2023 ގައި، ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމުގެ ތުހުމަތު ކުރެވެނީ ފ. ނިލަންދޫ، ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށެވެ. މި މައްސަލާގައި ސާހިލްގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް އުފުލާފައިވާއިރު، މައްސަލައިގެ ބާވަތުން މި ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ހާމަކުރި ގޮތުގައި، ސާހިލްގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާގެ ތެރެއިން ދެ ދައުވާއެއް މިހާރު ވަނީ ސާބިތުވެފައެވެ. އެހެންކަމުން، އެ ދެ ދައުވާގެ އަދަބެއްގެ ގޮތުން އޭނާ ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުރާ އަނެއް ތިން ދައުވާގެ ހުކުމް އަދި އިއްވާފައެއް ނުވެއެވެ.

މި މައްސަލާގައި ހިމެނޭ ބާކީ ތިން ދައުވާއާ ގުޅޭގޮތުން ކޯޓުން ބުނީ، އެ ދައުވާތަކުގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން މި މަހުގެ ފަހުކޮޅު ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވާ ކަމަށެވެ. މައްސަލައިގެ ނާޒުކުކަމުން، ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލު ދައުލަތުންނާއި ކޯޓުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔަ ގޮތަށް ބަލާއިރު، ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައި ދީފައިވެއެވެ. ނަމަވެސް، ވަކީލުންނަށް އޭނާ އެއްބާރުލުން ނުދޭތީ، އިތުރަށް ދައުލަތުގެ ހަރަދުގައި އޭނާއަށް ވަކީލުން ހަމަޖައްސައިނުދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަން ކޯޓުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު