ގޯހުގެ މައްޗަށް ގޯސް ހަދައިގެން ލިބޭނެ އެއްވެސް މޮޅެއް ނުވަތަ ހެވެއް ނެތްކަން ގަބޫލުކުރަންޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު އަޙްމަދު ޢަލީ ސަވާދު ވިދާޅުވެއްޖެއެވެ.

ސަވާދު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 މިނިސްޓަރަކު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކަށް އިޝާރާތް ކުރައްވައެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ބޭފުޅުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ގެނައުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސަވާދު ވިދާޅުވީ ގޯހުގެ މައްޗަށް ގޯސް ހަދައިގެން ލިބޭނެ މޮޅެއް ހެވެއް ނެތްކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ.

އަދި މިއީ 'ބަޣާވާތް' ކުރަންވީ ވަގުތެއް ނޫން ކަމަށާއި، ގޮތްދޫނުކޮށް ހެދި ގޯހުގައި ގަދަބާރުން ދެމިހުންނަންވީ ވަގުތެއްވެސް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަވާދު ވިދާޅުވި ގޮތުގައި މިއީ ރައްޔިތުން ވޯޓުން އިއްވި އަޑު އަހައި، ހެވާ އިޞްލާޙަށް ދޫދޭންވީ ވަގުތެވެ.

ދައުލަތް ހިންގުމުގެ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަވާދު އިތުރަށް ވިދާޅުވީ، ދައުލަތް ހިންގަންވާނީ އެންމެންގެ މައްޗަށް ޢަދުލުވެރިކަމާއެކު ތިލަފަތް ހަމަޔަށް ކަމަށެވެ. އަދި ތިމާގެ އަމިއްލަ ނަފްސާއި، ޕާޓީއާއި، 'ވަފާތެރިންގެ' ނަމުގައި ހިންގާނެ ދައުލަތެއް މި ރާއްޖެއަކު ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހުރިހާ ރައްޔިތުންގެ މަޞްލަޙަތުގައި ދައުލަތް ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށްވެސް ސަވާދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ސަވާދު ވިދާޅުވީ، ރައްޔިތުންގެ މަޞްލަޙަތު ހަވާސާކޮށް، ބޮޑެތި ދޮގުތަކާއި މަކަރާއި ޙީލަތުގެ ތެރެއިން އަމިއްލަ މަންފާއަށް ދައުލަތް ހިންގޭ ގޮތަށް ހުރި ކަންކަން އިޞްލާޙު ކުރަންޖެހޭ ކަމަށެވެ.

މިގޮތުން ފެހި ޤާނޫނުއަސާސީގައި ހުރި މިފަދަ ކަންކަން ބަދަލުކުރުމަށްޓަކައި ޚާއްޞަ މަޖިލީހެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން ޖާގަ ދޭންޖެހޭ ކަމަށްވެސް ސަވާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު