ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ގައުމީ މަސްލަހަތަށް ކަމަށާއި، ކައުންސިލްތަކުން މަސައްކަތްތަކަށް ހުރަސްއެޅި ނަމަވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.

ރައީސް މިހެން ވިދާޅުވީ، ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ޕީއެންސީއަށް އއ. އަތޮޅުން ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ރަސްދޫގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިދިކޮޅު ފިކުރުގެ މެންބަރުން އިންތިޚާބުވެފައިވާ ކައުންސިލްތަކާއި ސިޓީތަކުގައިވެސް ސަރުކާރުން މަސައްކަތް ކުރާނީ އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ކޮންމެ ފިކުރެއްގެ ބަޔަކު ތިބި ނަމަވެސް، އެ ކައުންސިލަކާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެން މަސައްކަތް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަ. ހުރިހާ ސިޓީތަކުގެ ރައްޔިތުންވެސް ހަމަހަމަ. އެންމެ ކުޑަރަށުގެ ރައްޔިތުންނާ ހަމަ އެންމެ ބޮޑު ސިޓީއާވެސް އެގޮތުން ހަމަހަމަ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ނަމަވެސް، ކައުންސިލްތަކުން ނުވަތަ މުއައްސަސާތަކުން ސަރުކާރުގެ މަޝްރޫޢުތަކަށް ފުރުސަތު ނުދީ ހުރަސްއަޅާނަމަ، އެކަން ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މަގުބޫލު ސަބަބެއް ދިމާވެގެން ނޫންގޮތަކަށް، ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިން މެދުވެރިކޮށް ރައްޔިތުންނާ ބައްދަލުކުރައްވައި، ކަން ހިނގާގޮތުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި މެންބަރުން، މަގާމުގެ ހުވާކުރުމުގެ ކުރިން މުޒާހަރާކޮށް އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ސަރުކާރުގެ މަސައްކަތްތަކަށް އެ ކައުންސިލުން އެއްބާރުލުން ދޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ކައުންސިލުން ހުރަސްއެޅި ކަމުގައިވިޔަސް، ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކޮށްގެންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދު ފުއްދުމުގައި އަޅުގަނޑު ދާނީ އިޚްލާޞްތެރިކަމާއެކީގައި ކުރިއަށް. އެއީ އަޅުގަނޑުގެ ޒިންމާއެއް، އަޅުގަނޑުގެ މަސްއޫލިއްޔަތެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް