އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ނެރުމަށް ތާއީދުކުރަށްވައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަށްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރަށްވައިފިއެވެ.

މިއަދު ބޭއްވި "ބޮޑު ބަދަލު" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދާއި، ފައްޔާޒް އިސްމާއީލް އެކުގައި ބައިވެރިވެވަޑައިގެންނެވިއިރު، ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އެންމެ އިސްވެރިއަކަށް ފައްޔާޒް ގެންނަން ތާއީދު ކުރަށްވަނީ ރާއްޖެއަށް ސިޔާސީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ކަމަށެވެ. އަދި މި ބަދަލުތައް ގެނައުމަށް މަގުފަހި ކުރުމުގެ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން ނިންމެވީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ބޮޑު ބަދަލުތައް ގެނައުމަށްޓަކައި އަޅުގަނޑު ތާއީދު ކުރަން ފައްޔާޒް އިސްމާއީލް އެއީ ސަރުކާރުގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނެވުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއެކު އެމަނިކުފާނު ވިދާޅުވީ މި ބަދަލުތަކަކީ 2028 ވަނަ އަހަރުގެ ފަހުން ގެންނަން މަޑުކުރެވެން އޮތް ކަންކަމެއް ނޫން ކަމަށާއި، މިހާރުން މިހާރަށްވެސް މި މަސައްކަތް ފަށަންޖެހޭ ކަމަށެވެ.

މި ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރާއެކު މަޝްވަރާ ކުރުމަށް ދައުވަތު ދެއްވަމުން، ރައީސް ނަޝީދު ވިދާޅުވީ މިކަމަށް ތާޢީދު ހޯއްދެވުމަށް ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި، ހިނގާލުންތަކާއި، ޖަލްސާތައް ބާއްވާނެ ކަމަށެވެ. އަދި މި ބަދަލުތަކަށް ތާއީދު ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ދަތުރުކުރަށްވާނެ ކަމަށްވެސް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.

އަންނަ އަހަރު ބާއްވާނެ ކަމަށް ބެލެވޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒް ވާދަކުރަށްވައިފިނަމަ، އޭނާ ވެގެންދާނީ އެ ޕާޓީގެ ޕްރައިމަރީއެއްގައި ވާދަކުރަށްވާ ހަވަނަ ބޭފުޅާއަށެވެ. މީގެ ކުރިން ރައީސް ނަޝީދުގެ އިތުރުން ޑރ. މުނައްވަރު، ރީކޯ މޫސާ މަނިކު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕްރައިމަރީތަކުގައި ވާދަކުރަށްވާފައެވެ.

ރައީސް ނަޝީދަކީ މީގެ ކުރިން 2005 އިން 2008 އަށް އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ބޭފުޅެކެވެ. އަދި 2014 އިން 2023 އަށް އެމަނިކުފާނު ހުންނެވީ ޕާޓީގެ ރައީސްގެ މަގާމުގައެވެ. މި ބަދަލާއެކު އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު