ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު
ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 42،000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށާއި، ވަޒީފާއަށް މީހުން އައްޔަނު ކުރުމުގައި ތައުލީމާއި ހުނަރަށް ބަލައިގެން "މެރިޓް ބޭސްޑް" އުސޫލަކުން އަމަލުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ފިނޭންސް މިނިސްޓްރީން އިރުޝާދު ދީފައިވާ ދަނޑިވަޅެއްގައެވެ.

މިހާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ނޫސްވެރިން މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، 42،000 އަކީ ލަފާކުރެވޭ އަދަދެއް ކަމަށާއި، މުވައްޒަފުންގެ ތަފްސީލީ ރެކޯޑުތައް ބަލަހައްޓަނީ އެ ކުންފުނިތަކުން ވަކިވަކިން ކަމަށެވެ.

"އެސްއޯއީތަކަކީ މުވައްޒަފުން ވަޒީފާއިން ވަކިވުމާއި އަލަށް ވަޒީފާ ދިނުން އަބަދުވެސް ހިނގަމުންދާ ތަންތަން. އަޅުގަނޑުމެންގެ އަންދާޒާއަކީ 42،000 މަގާމު. ކުންފުނިތަކުން އެ ބޭފުޅުންގެ އަމިއްލަ ރެކޯޑުތައް ބަލަހައްޓަމުން ގެންދާނެ، ނަމަވެސް މިއީ އަޅުގަނޑުމެންގެ ލަފާކުރުމަކީ." މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު މިނިސްޓަރު ވިދާޅުވީ، މުވައްޒަފުން މަދުކުރުމަށް ކަނޑައަޅާފައިވާ އަމާޒަކީ ހުރިހާ ކުންފުނިތަކަކަށް އެއް ހަމައަކުން ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރާނީ ކުންފުނިތަކުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ މިންވަރަށް ބަލައިގެން ކަމަށް ޒަމީރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ފަދަ ކުންފުނިތަކުގެ މުވައްޒަފުން އެ މިންވަރަށް މަދުކޮށްފިނަމަ، އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވަޒީފާއާ ބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތަކަށްވެސް ސަރުކާރުން ސަމާލުކަން ދޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ޕީސީބީއަށް ފޮނުވި އިރުޝާދުގައި، ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން އުސޫލުތައް އިސްލާހުކުރުމަށް ވަނީ އަންގާފައެވެ. އަދި މި މަސައްކަތްތައް ހިނގާގޮތް ބަލައި މޮނިޓަރ ކުރާނެ ނިޒާމެއް ގާއިމުކުރުމަށާއި، ކުރިއެރުންތައް ގަވާއިދުން ރިޕޯޓުކުރުމަށްވެސް ވަނީ އަންގާފައެވެ. މި ފިޔަވަޅުތަކަކީ ދައުލަތުގެ މާލީ އަދި އިދާރީ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު