މާލޭ ޓެކްސީ
މާލޭ ޓެކްސީ
"މާލޭ ޓެކްސީ" އަށް ޚާއްޞަކޮށްގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ތަރައްޤީކުރި އެޕްލިކޭޝަންގެ މަޝްރޫއުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިނގާފައިވާ ކަމުގެ މަޢުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެ މަޝްރޫއާ ގުޅޭގޮތުން ކޮރަޕްޝަންގެ އެއްވެސް ރިޕޯޓެއް އެމަނިކުފާނާ ހަމައަށް މިހާތަނަށް އައިސްފައި ނުވާ ކަމަށެވެ. "މިކަމުގައި ކޮރަޕްޝަން އެކުލެވޭ ފަދަ އެއްވެސް މަޢުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނުވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ތަޢާރަފްކުރި މި އެޕްލިކޭޝަންގެ މަޝްރޫއު ބިޑް ކުރުމެއް ނެތި 13 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ޕްރޮކިއުމަންޓް އުސޫލުތަކާ ޚިލާފަށް ވަކި ބަޔަކަށް ފައިދާވާ ގޮތަށް މި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެޕްލިކޭޝަންގެ ބައެއް ފަންނީ މައްސަލަތަކުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަންކަން ހައްލުކޮށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ޤަވާއިދާ ޚިލާފު އެއްވެސް އަމަލެއް ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މި މަޝްރޫއު ހަވާލުކުރި ކުންފުންޏަކީ އެފަދަ މަސައްކަތެއް ކުރުމުގެ ތަޖުރިބާ ނެތް ކުންފުންޏެއް ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެން ރައީސް ވިދާޅުވީ، އެޕްލިކޭޝަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ޚިޔާނާތުގެ އެއްވެސް ހޯދުމެއް މިހާތަނަށް ފެނިފައިވޭތޯ ސުވާލު ކުރުމުން، ރައީސް ތަކުރާރުކޮށް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އެމަނިކުފާނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. މި މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް