މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބޮޑު މުސާރަ ލިބޭ ގޮތަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އައްޔަނު ކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްއޭސީއެލްއަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރި ކަމުގެ އެއްވެސް މައުލޫމާތެއް ނުވަތަ އެފަދަ މުވައްޒަފުންގެ ލިސްޓެއް އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށެވެ.

ރައީސް މިހެން ވިދާޅުވީ، އެމްއޭސީއެލްއަށް 85 ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވާ ކަމަށާއި، އެ މީހުންނަށް 20،000 ރުފިޔާއާއި 40،000 ރުފިޔާއާ ދެމެދުގެ މުސާރަ ދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ލިސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ބައެއް މީހުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް މުސާރަ ނަގަމުންދާ މީހުންނެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ބޭކާރު މުވައްޒަފުން މަދުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކުން ބޭރުން އައްޔަނުކޮށްފައިވާ މުވައްޒަފުން ވަކިކުރުމަށް މިހާރުވެސް އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ. "މި ދެކެވޭ ވާހަކަތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިފައެއް ނެތް. ހަމައެފަދައިން އެމްއޭސީއެލްގެ އައްޔަނު ކުރުންތަކާ ގުޅޭ އެއްވެސް ލިސްޓެއްވެސް ލިބިފައެއް ނެތް،" ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް މިއަދު ވިދާޅުވީ، ގަވާއިދާ ޚިލާފު އެއްވެސް އަމަލަކަށް ނުވަތަ އުސޫލުން ބޭރުން ކުރާ ކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުންފުނިތަކަށް މުވައްޒަފުން ނަގާނީ އާންމުކޮށް އިއުލާނުކޮށްގެން، މީހާގެ ތައުލީމާއި ތަޖުރިބާއަށް ބަލައިގެން ކަމަށާއި، ނުގަވާއިދުން ނަގާފައިވާ މުވައްޒަފުން ވަކިކުރުމަށް އަންގާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު އިންތިޚާބުތަކުގެ ނަތީޖާއިން ފެންނަނީ ސިޔާސީ ވަޒީފާތަކާމެދު ރައްޔިތުން ދެކޭ ގޮތް ކަމަށް ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަމަލުކުރަމުންދާނީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު