ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ޤާނޫނުއަސާސީއަށް ގެންނަން ހުށަހަޅާ ބޮޑެތި ބަދަލުތަކަކީ ހަމައެކަނި އިޞްލާޙުގެ ނަމުގައި ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެފަދަ ޖައުހަރީ ބަދަލުތައް ގެންނަންވާނީ ރައްޔިތުން އިންތިޚާބުކުރާ ޚާއްޞަ މަޖިލީހަކުން އައު ޤާނޫނުއަސާސީއެއް އެކުލަވާލައިގެން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަޙްމަދު މިހެން ވިދާޅުވީ "ބޮޑުބަދަލު" މި ސުރުޚީގެ ދަށުން ޤާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަށް ފާޑުވިދާޅުވަމުންނެވެ. މި ބަދަލުތައް ހުށައެޅުއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލެވެ.

އެ އިސްލާޙުތަކާ ގުޅިގެން އަޙްމަދު ވިދާޅުވީ، މިހާރު ފެންނަމުންދަނީ މިހާރުގެ ސަރުކާރުން ދައުލަތުގެ ބާރުތައް ކޮންޓްރޯލްކޮށް ވެރިކަމުގައި ދެމިތިބުމަށް ޤާނޫނުއަސާސީ ހަތިޔާރަކަށް ހަދައިގެން ކުރާ މަސައްކަތްތަކާ އެއްގޮތް މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް، މިފަހަރު މިއީ އިދިކޮޅު ފެކްޝަނަކުން ވެރިކަމަށް އައުމަށްޓަކައި ޙީލަތްތެރިކަމާއެކު ފަށާފައިވާ މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަދި އިދިކޮޅު ފެކްޝަނުން ހުށަހަޅާފައިވާ އެންމެ މައިގަނޑު ބަދަލަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށް ޑރ. އަޙްމަދު ތުހުމަތު ކުރަށްވާފައިވެއެވެ. ޑރ. އަޙްމަދު ވިދާޅުވީ، މިފަދަ ބޮޑު ޖައުހަރީ ބަދަލެއް ގެންނަން ރައްޔިތުން ބޭނުންވާނަމަ، އެކަން ކުރަންޖެހޭނީ "ތައުސީސީ" މަޖިލީހެއް ނުވަތަ ކޮންސްޓިޓުއެންޓް އެސެމްބްލީއެއް މެދުވެރިކޮށް ކަމަށެވެ. އެފަދަ މަޖިލީހަކުން ފުޅާ ދާއިރާއެއްގައި ބަޙުޘްކޮށް، މުޅި އުއްމަތް ތަމްސީލުވާ ގޮތަށް އައު ޤާނޫނުއަސާސީއެއް އެކުލަވާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެއްވެސް ޙާލެއްގައި އަވަސްއަރުވައިގެން ކުރަންޖެހޭ ކަމެއް ނޫން. އަދި މިއީ މިހާރު ޢަމަލުކުރެވޭ ޤާނޫނުއަސާސީއަށް ގެނެވޭ އިޞްލާޙުތަކަކުން ކުރުން މުނާސިބު ކަމެއްވެސް ނޫން،" ޑރ. އަޙްމަދު ވިދާޅުވެފައިވެއެވެ.



ޑރ. އަޙްމަދު މިހެން ވިދާޅުވެފައިވާއިރު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި، ގާނޫނުއަސާސީގެ މައިގަނޑު އޮނިގަނޑަށާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން އިގުތިސާދީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އަމާޒުކޮށް "ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ ހުށަހެޅުންތަކެއް އިއްޔެ ވަނީ އާންމުކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްވެ ހުށަހެޅުއްވި މި އިސްލާހުތަކުގެ ތަފްސީލު ހާމަކޮށްފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ހުށަހެޅުންތަކުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބާރުތައް ވަކިވެފައިވާ މިންވަރު ހަރުދަނާކޮށް، ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުން ކަމަށް އެ ބޭފުޅުން އިއްޔެ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު