ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ
ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް، އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައިވަނީ، ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހުއެވެ. ހުސްވެފައިވާ މި މަގާމަށް ފަނޑިޔާރު ޖަމީލްގެ އިތުރުން ދެން ކުރިމަތިލެއްވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އަދި މުހައްމަދު ޝަނީޒެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އިސްފަނޑިޔާރުގެ މަގާމު ހުސްވި ދުވަހުން ފެށިގެން އެ ކޯޓު ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީވެސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އެވެ.

ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއަކީ ފަނޑިޔާރުކަމުގެ ދާއިރާގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 23 ސެޕްޓެންބަރު 2003 އިން 31 ޖަނަވަރީ 2009 އަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އެމަނިކުފާނު ވަނީ ކުރައްވާފައެވެ. އަދި 1 ފެބްރުވަރީ 2009 އިން ފެށިގެން 21 ފެބްރުވަރީ 2019 އާ ހަމައަށް ސިވިލް ކޯޓުގެ ގާޟީގެ މަގާމު ފުރުއްވާފައިވެއެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް އެމަނިކުފާނު އައްޔަނު ކުރެވުނީ 3 އޮގަސްޓް 2025 ގައެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 47،700.00 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 18،000.00 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300.00 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް އިސްފަނޑިޔާރަށް ލިބިވަޑައިގަންނަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު