ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ދައުލަތުގެ ވެރިން ޒިންމާދާރުކުރުވުމުގެ އެންމެ ބޮޑު ދުސްތޫރީ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތްތައް ކަމަށާއި، މަޖިލީހަކީ ހަމައެކަނި ވެރިންނަށް ސަނާކިޔުމަށް އޮތް ތަނެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބު އަޙްމަދު ޢަލީ ސަވާދު ސަރުކާރަށް ނިސްބަތްވާ މެންބަރުންނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސަވާދު މިފަދަ ރައްދެއް ދެއްވާފައި މިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް (ކުޑޫ) ހުށަހަޅުއްވާ އެއްވެސް ކަމެއް މީގެ ފަހުން ބަލައިނުގަނެ ބޭރުކޮށްލާނެ ކަމަށް ބުނެ، ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ މެންބަރަކު އިންޒާރު ދެއްވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަވާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ދައުލަތުގެ ވެރިން ޒިންމާދާރު ކުރުމުގެ އެންމެ ބޮޑު ދުސްތޫރީ ޒިންމާ އަދާކުރާ ބާރުކަން ނުދަންނަ މަދަރުސާ ކުއްޖަކުވެސް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. އަދި މި ޚާއްޞަ ޒިންމާ ނުނަގާ މަޖިލީހަކީ ހަމައެކަނި ވެރިންނަށް ސަނާ ތަޢުރީފާ ޚުޝާމަދު ކުރާ ތަނެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.



މެންބަރު މުޙައްމަދު އިސްމާޢީލް މަޖިލީހަށް ހުށަހެޅުއްވި ކަންކަމަށް އިޝާރާތް ކުރައްވަމުން ސަވާދު ވިދާޅުވީ، އެއީ ދައުލަތް ޒިންމާދާރުކުރާ ރައްޔިތުންގެ ވަކީލަކު އޭނާގެ މުސާރަ ޙަލާލު ކުރުމަށްޓަކައި ކުރަންޖެހޭނެ ކަންކަން ކަމަށެވެ.

"ވަލެއް ބަރަންޏެއް ނުދަނެ ދެއުޅިއެއްވާ ވާހަކައެއް ނުދެއްކޭނެ. ޒިންމާ އަދާނުކޮށް މުސާރަ ޙަލާލެއްވެސް ނުކުރެވޭނެ،" މަޖިލީހުގެ މެންބަރުންގެ ވާޖިބު ހަނދާންކޮށްދެއްވަމުން ސަވާދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު