މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
ލޯކަލް ގަވަންމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަމުގެ މަގާމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަން ކުރަށްވައިފިއެވެ.

މޫސާ ޒަމީރު މި މަގާމަށް އައްޔަން ކުރަށްވާފައިވަނީ، މީގެކުރިން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނެވި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. އަދި އެއާއެކު އެ މިނިސްޓްރީ ވެސް މިހާރު ވަނީ އުވާލާފައެވެ.

ވަޒީރު ޒަމީރު މި މަޤާމަށް އައްޔަނު ކޮށްފައިވާއިރު، މި ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، އަތޮޅު ކައުންސިލްތައް އުވާލާފައެވެ. އޭގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ގާއިމްކޮށް، އެ ތަންތަނަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެލްޖީއޭގެ ހިންގުމަށް ބަލާއިރު، މި ސަރުކާރުގައި އެ އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ވެސް ވަނީ ދެ ފަހަރެއްގެ މަތިން ބަދަލުތަކެއް ގެނެސްފައެވެ. ފުރަތަމަ އެ މަގާމުގައި ހުންނެވީ ޑރ. މަރިޔަމް ޒުލްފާއެވެ. ނަމަވެސް، މިހާރު އެ މަގާމުގައި ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނިމާލެވެ.

އެލްޖީއޭގެ ގާނޫނީ އޮނިގަނޑު އޮންނަ ގޮތުން، އެ އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެހައި ޒިންމާތަކެއް އުފުއްލަވަނީ ސީއީއޯއެވެ. އޮތޯރިޓީގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތަކީ ބޯޑު ބައްދަލުވުންތައް ރިޔާސަތު ބަލަހައްޓަވައި ބޯޑު ކުރިއަށް ގެންދިއުމެވެ. އެލްޖީއޭގެ ރައީސް އަދި ސީއީއޯގެ މަގާމަށް ވެސް ބޭފުޅުން އައްޔަން ކުރަށްވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު