ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާއާ މެދު އުފެދިފައިވާ ޚިލާފުތަކާ ގުޅިގެން ހުށަހެޅި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގެންފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ އިންތިޚާބުގައި ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުގައި، މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އާއި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ އެއްވަރަކަށް ވޯޓެވެ. އެއީ ކޮންމެ ބޭފުޅަކަށް 392 ވޯޓެވެ.

ނަމަވެސް، ޕީއެންސީގެ ކެންޑިޑޭޓަށް ލާފައިވާ "ވަގު ވޯޓެއް" ކަމަށް ބުނާ ވޯޓެއް ބާތިލުކުރުމާ ގުޅިގެން ނަތީޖާ އެއްވަރުވުމުން، މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނުމަށް ނިންމިއެވެ. މިގޮތުން އެ ފޮށި އަލުން ގުނިއިރު، ސުހާ އަށް ލިބުނު ވޯޓުތަކުގެ ތެރެއިން އެއް ވޯޓު ބާތިލުވުމާ ގުޅިގެން އޭނާގެ ވޯޓުގެ އަދަދު ވަނީ 391 އަށް ދަށްވެފައެވެ.

މި ބަދަލާއެކު، އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް އެންމެ ވޯޓެއްގެ ތަފާތުން ކައުންސިލް ރައީސްގެ މަގާމު ވަނީ ޔަގީންވެފައެވެ. ޕީއެންސީގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅީ މި ނަތީޖާއާ މެދު ހިތްހަމަނުޖެހިގެންނެވެ.

މީދޫގެ އިންތިޚާބީ އެހެން ނަތީޖާތަކަށް ބަލާއިރު، އެ ރަށު ކައުންސިލްގެ ދެ ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އެއް ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ ޕީއެންސީންނެވެ. އަދި ޑަބްލިއުޑީސީގެ އަނެއް ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.

މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ ކައުންސިލްތަކުގެ ރައީސްކަމާއި، ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން އަދި ސިޓީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދާފައިވަނީ އެމްޑީޕީންނެވެ.



ކިޔުންތެރިންގެ ހިޔާލު