މުޖުތަބާ ޚާމަނޭއީ
މުޖުތަބާ ޚާމަނޭއީ
އީރާނުގެ މަޝްހަދު ސިޓީގައި ދާދިފަހުން ކުރަހާފައިވާ ފާރުބުރި ކުރެހުމަކާ ގުޅިގެން، އެ ގައުމުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނޭއީގެ ދަރިކަލުން މުޖުތަބާ ޚާމަނޭއީ އަވަހާރަވެފައިވާ ކަމަށް ބުނެ ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

"އިސްރާއީލް ނެތިގެންދާނެ" މި ޝިއާރުގެ ދަށުން ކުރަހާފައިވާ މި މިއުރަލްގައި ފެންނަނީ، އެމެރިކާއާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްގައި ޝަހީދުވެފައިވާ ކަމަށް ބެލެވޭ އިސްލާމީ ދުނިޔޭގެ މުހިންމު ޝަޚުސިއްޔަތުތަކެކެވެ.

މީގެ ތެރޭގައި މުޖުތަބާ ޚާމަނޭއީގެ ފޮޓޯ ހިމެނުމުން، އޭނާ އަވަހާރަވެފައިވާކަން ނުވަތަ މިއީ ކުރިއަށް އޮތް ތަނުގައި ވެދާނެ ކަމަކަށް އިޝާރާތްކޮށް ކުރަހާފައިވާ އެއްޗެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މި ކުރެހުމުގައި މުޖުތަބާގެ އިތުރުން، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި، ލުބުނާނުގެ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ފަދަ ބޭފުޅުންގެ ފޮޓޯތައްވެސް ހިމެނެއެވެ.

މީގެ ކުރިން މިފަދަ ކުރެހުންތަކުގައި އާންމުކޮށް ފެންނަނީ ދުނިޔޭގައި ނެތް "ޝަހީދުން" ފޮޓޯތަކެވެ. ނަމަވެސް މުޖުތަބާ ޚާމަނޭއީގެ ފޮޓޯ މީގައި ހިމެނުމުން ސޯޝަލް މީޑިއާގައިވަނީ އެކި ކަހަލަ ގަބޫލު ކުރުންތައް ފެތުރިފައެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މުޖުތަބާ ޚާމަނޭއީ މަރު ސިއްރުކޮށްފައިވާ ކަމުގެ ހެއްކެކެވެ.

ނަމަވެސް އަނެއް ބަޔަކު ބުނަނީ މިއީ އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ކުރެވޭ ޖިހާދުގައި އޭނާއަކީވެސް ގުރުބާންވާން ތައްޔާރަށް ހުރި މުޖާހިދެއްކަން ދެއްކުމަށް ކުރި ކަމެއް ކަމަށެވެ.

މުޖުތަބާ ޚާމަނޭއީއަކީ އޭނާގެ ބައްޕާފުޅަށްފަހު އީރާނުގެ އެންމެ މަތީ ލީޑަރުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅާއެވެ. އޭނާއަކީ އީރާނުގެ ސިޔާސީ އަދި އަސްކަރީ ކަންކަމުގައި ނުފޫޒުގަދަ ބޭފުޅަކަށް ވާއިރު، މިފަދަ މިއުރަލްއަކުން އޭނާގެ ފޮޓޯ ފެނުމަކީ އީރާނުގެ ސަރުކާރުން ދޭން ބޭނުންވާ ސިއްރު މެސެޖެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް މި މިއުރަލްގެ ސަބަބުން އީރާނުގެ އެތެރޭގެ މަސްރަހާއި ބައިނަލްއަގުވާމީ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު