މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
ބާރާއި ނުފޫޒާއި ފައިސާއަށްވުރެ ހަގީގަތުގެ ބާރު މާ ގަދަވާނެ ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ސަރުކާރު ދިފާއުކުރުމަށްޓަކައި ތުންބަދެ ހަތަރެސްފައި ބަދެވިފައި ތިބި ބޭފުޅުންނަށް ދެއްކޭނެ އިތުރު އެއްވެސް ވާހަކައެއް މިހާރު ނެތް ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ބޮޑެތި އިނާޔަތްތައް ދީގެން މީސްމީޑިއާގައި ދޮގު ފަތުރަން ހަވާލުކޮށްފައިވާ ޓީމަށް މިހާރު މަގު އޮޅިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



އައްބާސް އިތުރަށް ވިދާޅުވީ، މުޅި ސަރުކާރާއި، ހަށިފާރަވެރިންނާއި، ބޮޑު މުސާރަ ލިބޭ އެކްޓިވިސްޓުންގެ ބޮޑު ލަޝްކަރަކަށް، ސަރުކާރުގެ ނުބައި ސިޔާސަތުތަކާ ފާޅުގައި ދެކޮޅަށް ތެދުވެ ތިބި ތިން ހަތަރު މީހަކު ހުއްޓުވައެއް ނުލެވުނު ކަމަށެވެ. އަދި މުޅި ދައުލަތުގެ މެޝިނަރީ އެއްކޮށް ނިކުމެ، ރައްޔިތުންގެ ހައްގުގައި ބަސްބުނާ މަދު ބައެއްގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތް މިވަނީ ފެނަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އައްބާސް ވިދާޅުވީ، ކިތަންމެ ބޮޑު މުސާރައެއް ދީގެން "ބޮޓުން" ލައްވައި ޕޯސްޓު ޖެހިޔަސް، އަދި ކިތަންމެ ވަރަކަށް ނޫސްތަކަށް ފައިސާ އޮއްސިޔަސް، ފެންނަން އޮތް ހަގީގަތެއް ފޮރުވައެއް ނުލެވޭނެ ކަމަށެވެ.

"ރައްޔިތުންގެ ކުރިމަތީގައި ތިޔަ ސަރުކާރު ފަލީހަތްވެ، ބާކީވެ، އިތުބާރު ގެއްލި، ބޭޒާރުވުން ނޫން ދެވަނަ ކަމެއް ދެން ނުވާނެ. ނުކުރެވުނު ކޮންމެ ކަމެއްގެ ދިފާޢުގައި ކުރީ ސަރުކާރު ބޮލަށް ކަޑާލާފައި ފައިސާއާ ބިރުދެއްކުމަކުން ރައްޔިތުންގެ އިތުބާރެއް ނުލިބޭނެ،" އައްބާސްގެ ޕޯސްޓުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު