ރައީސް ޑޮނަލްޑް ޓްރަމްޕް
ރައީސް ޑޮނަލްޑް ޓްރަމްޕް
މަރުހަލާއެއްގައި ހައްލެއް ހޯދުމަށް މަޑުޖައްސާލުމަށްފަހު، ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހެޅި ހުށަހެޅުން ގަބޫލުފުޅު ނުކުރައްވާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

އަލް ޖަޒީރާއާއި ހަވާލާދީ މިކަމާ ގުޅޭ މަޢުލޫމާތު އެނގޭ ދެ ފަރާތަކުން ހާމަކުރި ގޮތުގައި، ހޯމަ ދުވަހު ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ މި ވިސްނުންފުޅު ހިއްސާކުރައްވާފައެވެ.

އީރާނުން ފޮނުވި މި ހުށަހެޅުމާ މެދު ޓްރަމްޕް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށް ބައްދަލުވުމުގެ ބައިވެރިއަކު ވަނީ ބައެއް މީދިއާތަކަށް ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި، އީރާނުގެ ނިއުކްލިއާ މުއްސަނދިކުރުމާއި ބޮން އުފެއްދުމާ ގާތްކުރާ މިންވަރަށް ޔުރޭނިއަމް ރައްކާކޮށްފައިވާ މައްސަލައަށް ހައްލެއް ނުލިބި ކަނޑުއޮޅި ހުޅުވައިލުމަކީ، މަޝްވަރާތަކުގައި އެމެރިކާއަށް އޮތް އެންމެ ބޮޑު ބާރު ނުވަތަ 'ލެވަރޭޖް' ގެއްލިގެންދާނެ ކަމެކެވެ.

ނަމަވެސް، އެ ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލި، އެމެރިކާގެ ކޮންމެ ދުވަހެއްގެ ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ ސަރުކާރަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.

ހޯމަ ދުވަހުގެ ބައްދަލުވުމަށްފަހު ޓްރަމްޕް ދެން އަޅުއްވާނެ ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އީރާނުގެ ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، އެއްބަސްވުމަކާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ކޮން ފަރާތަކުން ކަމެއް އަދި ނޭނގެއެވެ.

މީގެ އިތުރުން، މިދިޔަ ހަފުތާގައި އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރެއްވުމަށްފަހު، އަލުން އީރާނަށް ބޮން އެޅުމުގެ ކެމްޕޭން ފެށުމާ މެދު ޓްރަމްޕް ހުންނެވީ ޝައްކެއްގެ މަތީގައެވެ. ވައިޓް ހައުސްއިން ވަނީ މި މަޝްވަރާތަކުގެ ތަފްސީލާ މެދު އެއްޗެއް ބުނަން އިންކާރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު