މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޑރ. ޝަމްހީދު-
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޑރ. ޝަމްހީދު-
ގައުމު ދަރަނިވެރިކުރީ އެމްޑީޕީގެ ސަރުކާރުން ނޫން ކަމަށާއި، ދަރަނީގެ ހަގީގަތް އޮޅުވާލުމަށް މި ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ދަރަނީގެ މައުލޫމާތު މީގެ ކުރިން ގަވާއިދުން ލިބެމުން ދިޔަ ނަމަވެސް، މިއަދު ގައުމުގެ ދަރަނީގެ ހާލަތު އޮތް ހިސާބެއް އެއްވެސް ފަރާތަކަށް ސާފުނުވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވެސް ދަރަނީގެ ތަފްސީލުތައް ނުލިބޭއިރު، ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުގެ ވެބްސައިޓުތަކުން ވެސް އެ މައުލޫމާތުތައް މިހާރު ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން 900 މިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަމްހީދު ވިދާޅުވީ، އެއީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ދެއްކި ކަމަށް ބުނާ 900 މިލިއަން ޑޮލަރުގެ ތެރެއިން 650 މިލިއަން ޑޮލަރަކީ މި ސަރުކާރުން އުފައްދާފައިވާ ދަރަންޏެވެ. އޭގެ ތަފްސީލު ދެއްވަމުން ޝަމްހީދު ވިދާޅުވީ، އޭގެ ތެރޭގައި މި ސަރުކާރުން ނެގި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑު" އާއި، އިންޑިއާ ސަރުކާރުން މި ސަރުކާރުން އެދިގެން ގެނައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވަޕް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ފައިސާ އަނބުރާ ދެއްކުމަކީ ކުރީ ސަރުކާރުގެ ދަރަނި ދެއްކުން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 122 ބިލިއަން ރުފިޔާގައެވެ. ނަމަވެސް މި ސަރުކާރުގެ ފާއިތުވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ އަދަދު 160 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، އެންމެ ބާރު ދުވެލީގައި ދަރަނި ކުރިއަރުވަމުންދަނީ މި ސަރުކާރުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޒިންމާ އަދާކުރާ ގޮތާ މެދު ވެސް ޝަމްހީދު ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. ދައުލަތުގެ މީޑިއާއަށް އަހަރަކު 140 މިލިއަނާއި 200 މިލިއަނާ ދެމެދުގެ އަދަދަކަށް ރައްޔިތުންގެ ފައިސާ ހޭދަކުރަނީ ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށްވީ ނަމަވެސް، މިއަދު ފެންނަނީ ސަރުކާރުގެ މެންބަރުން ދައްކަވާ ހަގީގަތާ ހިލާފު ވާހަކަތައް އެކަނި ޕްރޮމޯޓް ކުރަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. ހާއްސަކޮށް، މަޖިލިސް މެންބަރުން ދައްކަވާ ހަގީގީ މައުލޫމާތުތައް އުނިކޮށް، ވަކި ބައެއްގެ ވާހަކަތައް އެކަނި ރައްޔިތުންނަށް ފެންނާނެހެން ފެތުރުމަކީ ދައުލަތުގެ މީޑިއާގެ ޒިންމާ ނޫން ކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، ކިތަންމެ ވަރަކަށް މައުލޫމާތު އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، މިއަދު ރައްޔިތުންނަށް ގައުމުގެ ހަގީގީ ހާލަތު އެނގޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު