މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
އީރާނުގެ ފަރާތުން ކުރިމަތިވަމުންދާ އަސްކަރީ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި، އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރުގެ ތެރޭގައި ހިމެނޭ "ޑާކް އީގަލް" ހައިޕަސޯނިކް މިސައިލް ނިޒާމު މެދުއިރުމައްޗަށް ފޮނުވައި، އީރާނާ ދެކޮޅަށް ބޭނުންކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ދިރާސާކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބްލޫމްބާގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ވަނީ މި ނިޒާމު މެދުއިރުމައްޗަށް ފޮނުވުމުގެ ހުއްދައަށް އެދި ރަސްމީކޮށް ވައިޓް ހައުސްއަށް ހުށަހަޅާފައެވެ. މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، އީރާނުގެ އެތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައިވާ ބެލިސްޓިކް މިސައިލް ފޮނުވާ އާލާތްތަކަށް ހަމަލާދިނުމުގެ ޤާބިލުކަން އިތުރުކުރުމެވެ. "ޑާކް އީގަލް" އަކީ މިހާރު ބޭނުންކުރަމުންދާ "ޕްރެސިޝަން ސްޓްރައިކް މިސައިލް" ތަކަށްވުރެ މާ ދުރަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ހަތިޔާރެކެވެ.

ރަސްމީކޮށް "ލޯންގް ރޭންޖް ހައިޕަސޯނިކް ވެޕަން" ގެ ނަމުން ނަންދެވިފައިވާ މި ހަތިޔާރަކީ އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ، ވަރަށް ހަލުވި މިސައިލެކެވެ. މި މިސައިލަކީ ދަތުރުގެ މެދުތެރެއިން އޭގެ މިސްރާބު ބަދަލުކޮށްލެވޭ ފަދަ "ގްލައިޑް ވެހިކަލް" އެއް ބޭނުންކުރާ އެއްޗަކަށް ވާތީ، އާދައިގެ ވައިގެ ދިފާއީ ނިޒާމުތަކުން މިއަށް ހުރަސްއެޅުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ނަމަވެސް، އެމެރިކާގެ މި ޓެކްނޮލޮޖީ އަދި މުޅިން ފައްކާވެފައިވާ ކަމާމެދު އަސްކަރީ މާހިރުން ސުވާލު އުފައްދައެވެ.

މި ހަތިޔާރާ ބެހޭ ތަފްޞީލު މަޢުލޫމާތުތަކަކީ ސިއްރު ކުރެވިފައިވާ މަޢުލޫމާތުތަކެއް ނަމަވެސް، މިއީ 1،725 މޭލަށްވުރެ ދުރަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ހަތިޔާރެއް ކަމަށް އެމެރިކާގެ އަސްކަރީ މަސްދަރުތަކުން ބުނެއެވެ. ލޮކްހީޑް މާޓިން ކުންފުނިން އުފައްދާ މީގެ މިސައިލެއްގެ އަގަކީ ގާތްގަނޑަކަށް 15 މިލިއަން ޑޮލަރެވެ. އަދި މި ނިޒާމުގެ ފުރިހަމަ ބެޓަރީ ސިސްޓަމަކަށް ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

މި ހުށަހެޅުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް، މިއީ އެމެރިކާގެ ހައިޕަސޯނިކް ހަތިޔާރެއް އޮޕަރޭޝަނަލް ހާލަތެއްގައި ބޭނުންކުރުމަށް ތައްޔާރުވާ ފުރަތަމަ ފަހަރެވެ. ރަޝިއާ އާއި ޗައިނާއިން މިފަދަ ޓެކްނޮލޮޖީތައް މިހާރުވެސް ބޭނުންކުރަމުން ދާއިރު، އެމެރިކާއިން މި ފިޔަވަޅު އަޅަން އުޅެނީ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިތުރު ހަމަލާތަކެއް ދިނުމަށް ނިންމަވައިފި ހާލަތެއްގައި ތައްޔާރަށް ތިބުމަށް ކަމަށް ބެލެވެއެވެ.

އެމެރިކާއިން މިފަދަ ނިންމުމަކަށް ދާންޖެހުނު މައިގަނޑު ސަބަބަކީ، އީރާނުގެ ވައިގެ ސަރަހައްދުގައި އެމެރިކާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކެވެ. އީރާނުގެ ވަރުގަދަ ދިފާއީ ހަމަލާތަކުގައި އެމެރިކާގެ ޑްރޯންތަކާއި ބައެއް މަތިންދާބޯޓުތައް މީގެ ކުރިން ވައްޓާލާފައިވާތީ، އީރާނުގެ އެތެރެއަށް ހަމަލާދިނުމަށް "ޑާކް އީގަލް" ފަދަ ދުރު ރާސްތާގެ، ހަލުވި ހަތިޔާރެއް ބޭނުންވާ ކަމަށް އެމެރިކާގެ އޮފިޝަލުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު