މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު އަދި މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު އަދި މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)
މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބާ ސުވާލުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ތިން ސުވާލެއް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މިއަދު ހެނދުނު 9:00 ގައި ފެށި މި ޖަލްސާގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫޢާއި، ފްލެޓްތަކުގެ ރަށްވެހިކަމުގެ މައްސަލައިގެ އިތުރުން ފްލެޓްތަކަށް ފައިސާ ދެއްކުމުގައި ހުރި ކަންބޮޑުވުންތަކަށެވެ.

މެންބަރު މުޙައްމަދު އިބްރާހީމް ފުރަތަމަ ސުވާލު އަމާޒުކުރެއްވީ، ޗައިނާގެ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ މަޝްރޫޢާ ގުޅޭގޮތުންނެވެ.

އެގޮތުން މި މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި، މަސައްކަތް ނިންމުމަށް ރާވާފައިވާ ތާވަލުގެ ތަފްޞީލު ހޯއްދެވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި މާލެއަކީ އިންތިހާއަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއެކު، މަގުތައް ހަދަމުންދާއިރު ޓްރެފިކް ފްލޯއަށް ވީހާވެސް ބާރު ކުޑަވާނެ ގޮތަކަށް ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާ ބެހޭގޮތުންވެސް މިނިސްޓަރާ ސުވާލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ސުވާލެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) މެދުވެރިކޮށް ދޫކުރާ ފްލެޓްތަކުގެ އެގްރީމަންޓްތަކާ ގުޅޭ ގާނޫނީ މައްސަލައެކެވެ. އެ ފްލެޓްތަކުގެ އެއްބަސްވުންތަކަކީ "ކުލީގެ އެއްބަސްވުންތަކެއް" ކަމަށް ބުނެ، އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަން މާލެއަށް ބަދަލުނުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނަމުންދާތީ، އެކަމުގެ ސަބަބުން ރައްޔިތުންގެ ރަށްވެހިކަމަށް ވާނެ ގޮތެއް ސާފުކުރުމަށް މެންބަރު ބޭނުންފުޅުވެއެވެ.

މީގެ އިތުރުން "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން އަޅާ 4000 ފްލެޓަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ ދެއްކުމުގައި އާންމުންނަށް ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވޭތޯވެސް ވަނީ ސުވާލުކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން ސުވާލަކީވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު މަޖިލީހަށް ހުށަހެޅިފައިވާ ސުވާލުތަކެކެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ސުވާލު ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ވަޒީރުން ޖަވާބުދާރީވާން ޖެހުނު ނަމަވެސް، މި ސުވާލުތަކަށް ޖަވާބު ދެއްވުން ލަސްވެފައިވާތީ ބައެއް މެންބަރުން ވަނީ ސަރުކާރުގެ ވަޒީރުން ޖަވާބުދާރީނުވެ "ފިއްލަވައިގެން" އުޅުއްވާ ކަމަށް ތުހުމަތުކުރައްވައި ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު