މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް ފަސް އަހަރު ފާއިތުވެފައިވާއިރު، އެ މަނިކުފާނަށް އޭރު ފަރުވާދެއްވި ޑޮކްޓަރުން ލަފާދެއްވި ގޮތަށް މިހާރު ހާލުކޮޅު ރަނގަޅުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ރައީސް ނަޝީދު ހުންނަވަނިކޮށް، އެ މަނިކުފާނަށް އަމާޒުކޮށް މި ހަމަލާދީފައިވަނީ 6 މެއި 2021 ގައެވެ. މި ހަމަލާ ދީފައިވަނީ ރައީސް ނަޝީދުގެ އާއިލީ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވަނިކޮށް، މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެވެ.

މި ނުރައްކާތެރި ހަމަލާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮމުގެ ރޭޒާފުއްތައް ވަދެ، ފުރާނަފުޅަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. އެ އަނިޔާތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންދެވުނުއިރު، އޭގެ ފަހުން އިތުރު ފަރުވާއަށް އެ މަނިކުފާނު ވަނީ ޖަރުމަނުވިލާތުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ހަމަލާއަށްފަހު ފަރުވާ ހޯއްދަވަމުން ދަނިކޮށް، ފަސް އަހަރުގެ ތެރޭގައި އެ މަނިކުފާނުގެ ހާލުކޮޅު އެއްކޮށް ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ލަފާދެއްވި ކަމަށެވެ. ނަމަވެސް، ކަނާތު އަތުގެ ތިން އިނގިއްޔެއްގެ ހަރަކާތްތަކާ މެދު ސަމާލުވާން ޖެހޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޑޮކްޓަރުން ލަފާކުރެއްވި ގޮތް ރަނގަޅު، އަވަސް ޝިފާއެއް މިންވަރުކުރެއްވީތީ މާތް الله އަށް ޙަމްދާއި ޝުކުރު ދަންނަވަން،" ރައީސް ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.



6 މެއި 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ، ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މި ހަމަލާ ދީފައިވަނީ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެންނެވެ. މި ގޮވުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ރޭޒަރ ފުއްތަކާއި ދަގަނޑު އެތިކޮޅުތައް ވަދެ، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ގިނަ ގަޑިއިރުތަކެއް ވަންދެން ކުރި ސީރިއަސް އޮޕަރޭޝަންތަކަށްފަހު، އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށާއި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

މި މައްސަލައިގައި މިހާތަނަށް އަމަލީ ގޮތުން ބައިވެރިވި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމް ރަޝީދު ވަނީ 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ނަމަވެސް، މި މައްސަލައިގައި ދައުވާ އުފުލާފައިވާ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ ޝަރީއަތްތައް އަދިވެސް ނުނިމި ދިގުލައިގެން ގޮސްފައިވެއެވެ.

ނަމަވެސް ޙަމަލާއަށް 5 އަހަރުފަހުން މި މަހުގެ 8 ވަނަ ދުވަހު ޕީޖީ އޮފީހުން ފުލުހުންނަށް ފޮނުވި އެންގުމުގައި ވަނީ މި ހަމަލާއަށް ފަންޑުކުރި ފަރާތްތަކާ ގުޅުންހުރި ތަހުގީގުތައް ވީއެންމެ އަވަހަކަށް ނިންމައި އެ އޮފީހަށް ހުށަހެޅުމަށެވެ. ޕީޖީ އޮފީހުން މިއެންގުން ފުލުހުންނަށް އެންގީ ރައީސް ނަޝީދު އަލުން ސިޔާސީ މަސައްކަތަށް ނިކުންނަވާކަން އިޢުލާނު ކުރެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މި ހަމަލާއާ ގުޅިގެން ހެދި 271 ސޮފްހާގެ ތަފްސީލީ އިންކުއަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެކި ފަހަރުމަތިން މަސައްކަތް ކޮށްފައިވެއެވެ. އެ ރިޕޯޓުގައި ހުށަހަޅާފައިވާ 46 ރެކަމެންޑޭޝަނުގެ ތެރޭގައި، އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ. މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް ވަނީ މި އިންކުއަރީ ރިޕޯޓުގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އެދި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ސިޓީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު