މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަލިނުކުރެވުމުން، އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ އެމަނިކުފާނުގެ އަބުރުފުޅު ކަތިލުމަށް ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒަކީ ޒާތީ ފާޑުކިޔުންތަކަށް ބަހުގެ ހަމަލާއިން ރައްދު ދެއްވާނެ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނުގެ ރައްދަކީ ގައުމަށް ދައްކަވާ ނަތީޖާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކާ އިދިކޮޅު ފަރާތްތަކުން އެކަން ކުރަނީ ގައުމަށް ހެޔޮ އެދިގެން ނޫން ކަމަށާއި، އެއީ އަމިއްލަ އެދުމެއް އޮވެގެން ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޕާޓީގެ ބަދަހިކަމާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ ލަޝްކަރަކީ ފިތުނައިން ބައިބައިކޮށްލެވޭނެހާ ބަލިކަށި ބައެއް ނޫން ކަމަށެވެ. އަދި ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުހަބާ ކިޔާނެ ކަމަށާއި، ނަމަވެސް ޒާތީ ޖަދަލުކުރަން އިދިކޮޅު ފަރާތްތަކުން ނިކުންނަ ނަމަ، އެކަމާ ކުރިމަތިލާނެ ވަރުގަދަ ޓީމެއް ސަރުކާރު ކޯލިޝަނުގައި އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒާތީ ޖަދަލު ކުރަންޏާ އަޅުގަނޑުމެންވެސް ކުރާނީ ޖަދަލު. އަޅުގަނޑުމެންގެ ޓީމު ޖަދަލުކުރަން ނިކުތީމާ ދެން އެ ޓީމު ބަލި ކުރަން ކެރޭނެ ވަރުގެ ޓީމެއް ރާއްޖޭގެ ސިޔާސީ މައިދާނަކު މިހާރަކު ނޫޅޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދަކީ އެއްވެސް މީހަކާ ޒާތީ ގޮތުން ދިމާނުކުރުން ކަމަށްވާތީ، ބޭކާރު ވާހަކަތަކަށް ވަގުތު ހޭދަނުކޮށް ސާބިތުކަމާއެކު ތިބުމަށް ކޮންގްރެސް ޕާޓީގެ މެންބަރުންނަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު