އިންޑިއާގެ ނާގްޕޫރަށް ނިސްބަތްވާ ސަންޖޫ ބަގަތުގެ ހަޔާތުގެ ބޮޑުބައި ހޭދަކުރީ އާދަޔާ ހިލާފަށް ބޮޑުވެފައިވާ ބަނޑަކާ އެކުގައެވެ. އޭނާގެ ބަނޑު ހުންނަ ގޮތުން، އޭނާ ބަލިވެ އިނދެފައިވާ މީހަކާ ވައްތަރުވާތީ ރަހުމަތްތެރިންނާއި އަވަށްޓެރިންގެ މަލާމާތް އަބަދުވެސް އޭނާއަށް އަމާޒުވެއެވެ.

ނަމަވެސް، 1999 ވަނަ އަހަރު އުމުރުން 36 އަހަރުގައި ސަންޖޫގެ ހާލަތު ކުއްލިއަކަށް ގޯސްވެ، ނޭވާލާން އުނދަގޫވާން ފެށީ ބަނޑުގެ ބޮޑުކަމުން ފުއްޕާމޭގެ ތިރީގައިވާ މަސްގަނޑަށް (ޑައިފްރަމް) ފިއްތުންތަކެއް ކުރިމަތިވުމުގެ ސަބަބުންނެވެ.

މި ހާލަތާ ގުޅިގެން މުމްބާއީގެ ހޮސްޕިޓަލަކަށް އޭނާ ގެންދެވުނުއިރު، ޑޮކްޓަރުން ފުރަތަމަ ނިންމީ ސަންޖޫގެ ބަނޑުތެރޭގައި ވަރަށް ބޮޑު ޓިއުމަރެއް އުފެދިފައިވާ ކަމަށެވެ. އެހެންކަމުން ޑޮކްޓަރުން އަވަސްވެގަތީ އޮޕަރޭޝަން ކޮށްގެން އެ ޓިއުމަރު ނެގުމަށެވެ. ނަމަވެސް އޮޕަރޭޝަންގެ ތެރެއިން ފެނުނު މަންޒަރުތަކަކީ ތަޖުރިބާކާރު ޑޮކްޓަރުންވެސް ހައިރާންކޮށްލި ކަންތައްތަކެކެވެ.

އޮޕަރޭޝަން ކުރި ޓީމުން މައުލޫމާތު ދިން ގޮތުގައި، ސަންޖޫގެ ބަނޑު ފެޅުމާއެކު ފުރަތަމަ ބޭރުވީ ގިނަ އަދަދެއްގެ ދިޔަ އެއްޗެހިތަކެކެވެ. އޭގެ ފަހުން ޑޮކްޓަރުންނަށް ފެނުނީ އިންސާނެއްގެ ކަށިތަކާއި، އިސްތަށިތަކާއި، ދަތްދޮޅީގެ ބައިތަކާއި، ފުރިހަމަ ނުވާ ގުނަވަންތަކެވެ. ޑޮކްޓަރުންނަށް އެވަގުތު ކަށަވަރުވީ އެއީ ކެންސަރު ނޫން ކަމަށާއި، އެއީ ސަންޖޫގެ ހަށިގަނޑުގެ ތެރޭގައި އުފެދިފައިވާ އޭނާގެ އެއްމާބަނޑު ކޮއްކޮގެ ބައިތައް ކަމަށެވެ.

މި ހާލަތަށް ސިއްހީ މާހިރުން ކިޔަނީ "ފީޓަސް އިން ފީޓޫ" އެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެކެވެ. މިއީ މައިމީހާގެ ބަނޑުގައި ދެ ކުދިން އުފެދެމުންދާއިރު، އެކަކު އަނެކަކުގެ ހަށިގަނޑުގެ ތެރެއަށް ވަދެ، އެކެއްގެ ބަނޑުތެރޭގައި އަނެކަކު އުފެދޭ އުފެދުމެކެވެ. މިގޮތަށް އުފެދޭ ކުއްޖާ ދިރިހުންނަނީ އަނެއް ކުއްޖާގެ ލޭގެ ނިޒާމުން ކާނާ ހޯދައިގެންނެވެ.

ސިއްހީ މާހިރުން ހާމަކުރާ ގޮތުގައި މިއީ ދުނިޔޭގެ ނިސްބަތުންވެސް ވަރަށް މަދުން ފެންނަ ހާލަތެކެވެ. މިހާތަނަށް މުޅި ދުނިޔެއިން ރެކޯޑު ކުރެވިފައިވަނީ މިފަދަ 100 އާއި 200 އާ ދެމެދުގެ އަދަދެއްގެ ކޭސްތަކެވެ. އާންމުކޮށް މިކަން ފާހަގަވަނީ ކުޑަކުދިންގެ އުމުރުގައެވެ. ނަމަވެސް ސަންޖޫގެ ހާލަތު ތަފާތުވަނީ، މިކަން ނޭނގި އޭނާ 36 އަހަރު ދުވަހު އުޅެފައިވާތީއެވެ. ސަންޖޫގެ ބަނޑުން ނެގި އެ ބައިތަކުގެ ބަރުދަނުގައި އެތައް ކިލޯއެއް ހުރިއިރު، އޭގައި އިސްތަށީގެ އިތުރުން ޖިންސީ ގުނަވަންވެސް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް މީހުން މިއީ "ޓެރަޓޯމާ" ނަމަކަށް ކިޔާ ޓިއުމަރެއް ކަމަށް ހީކުރި ނަމަވެސް، ޑޮކްޓަރުން ބުނަނީ މިއީ އެއަށްވުރެ ތަފާތު ކަމެއް ކަމަށެވެ. "ޓެރަޓޯމާ" ގައިވެސް އިސްތަށި ނުވަތަ ކަށި ހުރެދާނެއެވެ. ނަމަވެސް "ފީޓަސް އިން ފީޓޫ" ގައި އިންސާނެއްގެ ބައްޓަން ރަމްޒުކޮށްދޭ ގުނަވަންތަކާއި ބައިތައް ހުރެއެވެ.

އޮޕަރޭޝަނަށްފަހު ސަންޖޫ ބަގަތުގެ ސިއްހަތު ވަރަށް އަވަހަށް ރަނގަޅުވެ، އޭނާއަށް މިހާރު އާންމު ހާލަތުގައި ނޭވާލެވެއެވެ. މުޅި ދުނިޔޭގެ ސަމާލުކަން މި ކޭސްއަށް ލިބުނު ނަމަވެސް، އޭނާގެ ބަނޑުތެރެއިން ނެގި އެއްޗެހި ބަލަން ސަންޖޫ އިންކާރު ކުރިއެވެ. އޭނާ ބުނީ އެ ފެނުމުން އޭނާއަށް ނަފްސާނީ ގޮތުން ނުތަނަވަސްކަން ލިބިދާނެތީ އެ މަންޒަރު ބަލާކަށް ބޭނުމެއް ނުވާ ކަމަށެވެ.

މަސްދަރު: ނިއުސް 18



ކިޔުންތެރިންގެ ހިޔާލު