އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އެމެރިކާގެ އަސްކަރީ އަދި އިސްތިރާތީޖީ ބަލިކަށިކަން ހާމަވަމުންދާއިރު، މިއީ އެމެރިކާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ޗައިނާއަށް މުހިންމު ފިލާވަޅުތަކެއް ލިބެމުންދާ ކަމެކެވެ.

އީރާނުގެ ބްލޮކޭޑްތައް ފޫއަޅުވާލުމުގައި އެމެރިކާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންކުރަން ޖެހުމާއި، ރައްޔިތުންގެ މެދުގައި މަޤުބޫލުކަން ކުޑަ ހަނގުރާމައަކުން ސަލާމަތްވުމަށް އެމެރިކާ ސަރުކާރުން ކުރާ މަސައްކަތުގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދިއުމަށް ޗައިނާއިން ދަނީ ވަރަށް ގާތުން ފާރަވެރިވަމުންނެވެ.

މީގެ އިތުރުން، ޕެންޓަގަންގެ އިސްތިރާތީޖީ ލިޔުންތަކުން ހާމަވާ ގޮތުގައި، ޗައިނާގެ ނުފޫޒު ކުޑަކުރުމަކީ މިހާރު އެމެރިކާގެ އެންމެ އިސް ސިޔާސަތެއް ނޫނެވެ. ދިފާއީ މާހިރަކު ވިދާޅުވި ގޮތުގައި، ފަންނީ ގޮތުން އެމެރިކާގެ އަސްކަރިއްޔާ އަދިވެސް ވަރުގަދަ ނަމަވެސް، ސީދާ ސިޔާސަތެއް ނެތުމުގެ ސަބަބުން ހަނގުރާމައިގެ މައިދާނުގައި ނަތީޖާ ނެރުމަށް ދަތިތަކެއް ކުރިމަތިވަމުންދެއެވެ.

ޕެސިފިކް ސަރަހައްދު ބަލަހައްޓާ އެމެރިކާގެ އަސްކަރީ އިސްވެރިން ވިދާޅުވާ ގޮތުގައި، މެދުއިރުމައްޗަށް ފޮނުވާފައިވާ މަނަވަރުތަކާއި ސިފައިންގެ ސަބަބުން އެ ސަރަހައްދުގައި އެމެރިކާގެ ތައްޔާރީތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދި މި ހަނގުރާމައިގެ ތަޖުރިބާގެ ސަބަބުން އެމެރިކާގެ ސިފައިން އިތުރަށް ހުށިޔާރުވާނެ ކަމަށްވެސް އެ ބޭފުޅުން ޤަބޫލުކުރެއެވެ.

އީރާނުން އަގުހެޔޮ ޑްރޯން ބޭނުންކޮށްގެން ދޭ ހަމަލާތަކަކީ ވަރަށް ނުރައްކާތެރި ހަމަލާތަކެއްކަން ވަނީ ސާބިތުވެފައެވެ. ނަމަވެސް ޗައިނާގެ އަތުގައި ހުރި މިސައިލްގެ އަދަދު އީރާނަށްވުރެ އެތައް ގުނައެއް އިތުރުވުމުން، ހަނގުރާމައެއްގެ ކުރީކޮޅު އެމެރިކާގެ ދިފާއީ ނިޒާމުތައް ބަލިކަށިކޮށްލުމަށް ޗައިނާއަށް ފަސޭހަވެގެންދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

މި ހުރިހާ ކަމަކާއެކުވެސް ޗައިނާއަށް އަމިއްލަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. 1979 ވަނަ އަހަރު ވިއެޓްނާމަށް އެރި ފަހުން ޗައިނާގެ އަސްކަރިއްޔާއިން ބޮޑު ހަނގުރާމައެއް ކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، އެ ޤައުމުގެ އަސްކަރިއްޔާގެ އިސް ސަފުތަކުގައި ކޮރަޕްޝަނުގެ މައްސަލަތައް ބޮޑުވެ، އިސް ޖެނެރަލުންނާއި ވަޒީރުން މަޤާމުން ވަކިކޮށް، ހަރުކަށި އަދަބުތައް ދެމުންދާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރީ ވަސީލަތްތައް މަދުވަމުން ދިއުމަކީ ޗައިނާއަށް ލިބޭ އިސްތިރާތީޖީ ކުރިއެރުމެކެވެ.

ޗައިނާއިން ދަނީ އެތައް އަހަރެއް ކުރިން ފެށިގެން އެމެރިކާގެ ހަނގުރާމައިގެ އުކުޅުތައް ވަރަށް ފަރުވާތެރިކަމާއެކު ދިރާސާކުރަމުންނެވެ. ވަކިން ހާއްސަކޮށް، އެމެރިކާގެ ސައިބަރ އަދި އިލެކްޓްރޯނިކް ހަނގުރާމައިގެ ޤާބިލިއްޔަތާއި، މަނަވަރުތަކާއި އަސްކަރީ މަރުކަޒުތަކަށް އެމެރިކާ ބަރޯސާވާ މިންވަރު ޗައިނާއިން ވަރަށް ރަނގަޅަށް ދަނެއެވެ. މިއީ އެމެރިކާގެ ހަނގުރާމައިގެ އުކުޅުތައް ދަސްކުރުމަށް ޗައިނާއަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ބޭނުންކުރާ ކޮންމެ މިސައިލަކީ، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާއާ ދެކޮޅަށް ބޭނުންކުރެވެން އޮތް ބާރެއް އުނިވުން ކަމަށް މާހިރުން ދެކެއެވެ

.



ކިޔުންތެރިންގެ ހިޔާލު