ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުން-
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުން-
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ހިލާފުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން "އަދަދު" ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ބޭރުކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވި ވަގުތެއްގައެވެ. "އަދަދު" ނޫހުން ރައީސް މުއިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ވަގުތުން ހުއްޓާލުމަށާއި، އޭގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުމަށް އަންގައި އަމުރެއް ނެރެފައެވެ.

ނަމަވެސް، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުގެ ފުރުސަތު ލިބުމުން، ޝަހުޒާން ވަނީ ކޯޓު އަމުރުގެ ދަށުން ވާހަކަ ދެއްކުން މަނާކޮށްފައިވާ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ކަންކަމާ ގުޅުވައި ރައީސަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު ވަގުތުން ވަނީ އެއީ ކޯޓު އަމުރާ ހިލާފު އަމަލެއްކަން ފާހަގަކުރައްވައި، ނޫސްވެރިޔާ މާލަމުން ބޭރުވުމަށް އަންގަވާފައެވެ.

"މިހާރު ކޯޓުން އެއޮތީ ގެގް އޯޑާއެއް ނެރެފަ، ޝަހުޒާން ތިވަނީ މިހާރު ކޯޓު އަމުރާ ހިލާފުވެފަ. އެހެންމަ އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަމް ދޫކޮށް ވަޑައިގަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ ޑޮކިއުމަންޓްރީގައި ކުރާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ދޮގު ތުހުމަތުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް އޮފީހުގެ މާލަމަކީ ކޯޓު އަމުރުތަކަށް އިހުތިރާމް ކުރަންޖެހޭ ތަނެއް ކަމަށާއި، އެތަނުގައި ކޯޓު އަމުރާ ހިލާފަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު