ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ކޯޓުތަކުން ނެރޭ އަމުރުތަކުގެ ސަބަބުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މަޢުލޫމާތު ލިބިގަތުމުގެ އަސާސީ ހައްގަށް އުނިކަން އަންނަ ގޮތަށް، މުތުލަގުކޮށް ކަންކަން މަނާނުކުރެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޑރ. ދީދީ ވިދާޅުވީ، ވަކި މައްސަލައަކާ ގުޅިގެން މަޢުލޫމާތު އާންމުކުރުން މަނާކޮށް ނެރޭ އަމުރުތައް ހުންނަންވާނީ ގާނޫނުއަސާސީގެ 68 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން، ދިމިގްރާތީ މުޖުތަމައެއްގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އަދި އަމުރެއް ނެރޭއިރު އެ އަމުރުން ހިމާޔަތްކުރަން ބޭނުންވަނީ ކޮން ކަމެއްކަން ސާފުކޮށް ބަޔާންކުރަންޖެހޭނެ ކަމަށާއި، އާންމުކޮށް ހުރިހާ ވާހަކައެއް ދެއްކުން މަނާވާ ގޮތަށް އޮތުމަކީ ގާނޫނީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑރ. ދީދީ އިތުރަށް ވިދާޅުވީ، ޝަރީޢަތްތައް ސިއްރުކުރުމާއި މަޢުލޫމާތު ހިފޭހެއްޓުމަކީ ހަމައެކަނި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި ނުވަތަ ކުޑަކުދިންގެ ހައްގުތައް ފަދަ ހާއްސަ މަސްލަހަތުތަކެއް ހިމާޔަތްކުރަން ކުރާ ކަމަކަށް ވާންޖެހޭނެ ކަމަށެވެ.

ނަމަވެސް، މިހާރު ފެންނަމުންދާ ބައެއް އަމުރުތަކަކީ ވަރަށް "އެމްބިގިއުސް" ނުވަތަ އޮޅުން އަރާ ފަދަ އިބާރާތްތަކުން ލިޔެފައިވާ، އަދި ވަކި މަސްލަހަތެއް ހިމާޔަތްކުރަން ނެރެފައިވާ އަމުރުތަކެއްގެ ގޮތުގައި ސިފަވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

މިފަދަ އަމުރުތަކުގެ ސަބަބުން އަދުލު އިންސާފު ގާއިމްކުރުމުގެ މިނިވަންކަމާއި ޖުޑިޝަރީގެ މިނިވަންކަން ގެއްލިގެންދާ މިންވަރު ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.

މުއައްސަސާތަކުގެ ދައުރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ދީދީ ވިދާޅުވީ، މިފަދަ ކޯޓު އަމުރުތަކަށް ލޯމަރާލައިގެން ތަބާވުމުގެ ބަދަލުގައި، އެ އަމުރުތަކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި، ޖުޑީޝަލް ރިވިއުއަކަށް ދިއުމުގެ ބާރު މުއައްސަސާތަކަށް އޮންނަންވާނެ ކަމަށެވެ.

ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިބެންޖެހޭ މީހުން ސަރުކާރުގެ ހާދިމުންނަށް ވެގެން ދިއުމަކީ ގައުމުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކުރައްވައި، ކޮންމެ މުއައްސަސާއެއްގައިވެސް ގާނޫނީ ކަންކަން ދިރާސާކުރާނެ ވަރުގަދަ ޓީމެއް އޮންނަންޖެހޭނެ ކަމަށް އެމަނިކުފާނު ލަފާދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު