އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު-
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު-
ބައެއް ނޫސްވެރިން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކެކޭ އެއްގޮތަށް، ނޫސްވެރިކަމުގެ ހިޔަންޏަށް ވަދެ ތިބެ ރައީސް އޮފީހުގައި ހަޅުތާލު ކުރަން ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މިނިސްޓަރު ސައީދުގެ ޕޯސްޓުގައި ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން އަބަދުވެސް ޖާގަ ދީފައި ވާކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް އަސާސް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ނަމަވެސް، ލިބިފައިވާ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ނޫސްވެރިކަމުގެ މައިކު ހިފައިގެން ރައީސް އޮފީހުގައި ހަޅުތާލު ކުރާ ގޮތަށް ބައެއް ނޫސްތަކުން ކަންކަން ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ނޫސް ކޮންފަރެންސްތަކަކީ ޒާތީ ގޮތުން ދިމާ ކުރުމާއި، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމާއި، ގާނޫނުތައް މުގުރުމާއި، ކޯޓުގެ ހުރުމަތް ކެނޑުމަށް ހުޅުވިފައި އޮންނަ ތަނެއް ނޫން ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ކުރީގެ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ނުދެއްވާ ވަރަށް ރައީސް ޑރ. މުއިއްޒު ނޫސްވެރިންނަށް ފުރުސަތު ދެއްވައެވެ. ކޮންމެ ހަފްތާއަކު ވެސް، އެއްވެސް މޮޑަރޭޝަނަކާ ނުލައި، ސީދާ ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވައި، ހުޅުވިފައިވާ މާހައުލެއްގައި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ދެއްވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވީމާ ނޫސްވެރިން ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފަންވާނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށާއި، ޝަރުއީ ގާނޫނީ އަމުރުތަކާ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތަމާ އެކުގައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓަރީ މައްސަލާގައި ދަޢުވާ ކުރުމާއި ގުޅިގެން އެ ޑޮކިއުމެންޓަރީގެ ވާހަކަ ނުދެއްކުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ނޫސްވެރިޔަކު އެ ޑޮކިއުމެންޓަރީއާ ގުޅުވައި ރައީސްއަށް ސުވާލުތަކެއް އަމާޒުކުރުމާ ގުޅިގެންނެވެ. އެ ނޫސްވެރިޔާ ކޯޓު އަމުރާއި ޚިލާފުވުމާއި ގުޅިގެން އެ މާލަމުގައި އެފަދަ ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެ މާލަމުން ނޫސްވެރިޔާ ބޭރުކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު