ޕީއެންސީއަށް ސޮއިކުރި އިހަވަންދޫ ކައުންސިލްގެ ދެ މެމްބަރުން
ޕީއެންސީއަށް ސޮއިކުރި އިހަވަންދޫ ކައުންސިލްގެ ދެ މެމްބަރުން
ހއ. އިހަވަންދޫ ކައުންސިލަށް އަމިއްލަ ގޮތުން އިންތިޚާބުވި ދެ މެމްބަރަކު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު، މިއަދު ޕީއެންސީއާ ގުޅިވަޑައިގަތީ ކައުންސިލް މެމްބަރު މުޙައްމަދު ފިރާގާއި ކައުންސިލް މެމްބަރު ޢާއިޝަތު ސަމާހަތުއެވެ. ސަމާހަތަކީ އިހަވަންދޫ ކައުންސިލުން އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރެއްވި މެމްބަރެވެ.

މި ދެ ބޭފުޅުންގެ އިތުރުން، ވޭތުވެދިޔަ ކައުންސިލް އިންތިޚާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު ސަބާޙް ވެސް މިއަދު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

ޖުމްލަ 5 ގޮނޑި ހިމެނޭ އިހަވަންދޫ ކައުންސިލްގެ އަޣުލަބިއްޔަތު މިހާރު އޮތީ އިދިކޮޅު އެމްޑީޕީ އަށެވެ. ކައުންސިލްގެ ރައީސް ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައެވެ.

ކައުންސިލް އިންތިޚާބަށްފަހު، އަތޮޅުތެރޭގެ އެކި ރަށްރަށުގެ ކައުންސިލް މެމްބަރުން ޕީއެންސީއާ ގުޅެމުންދާއިރު، އިހަވަންދޫގެ މި މެމްބަރުން އެޕާޓީއާ ގުޅުމަކީ އެ ރަށުގައި ސަރުކާރުގެ ސިޔާސަތުތައް ކުރިއެރުވުމަށް ލިބުނު ބޮޑު ބާރެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު