ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ ނޫސްވެރިން ޖަލަށްލީ ގާނޫނާ ހިލާފަށް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެެ.

ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން ޢަލީ ނަސީރު 10 ދުވަހަށް އަދި މުޙައްމަދު ޝަހްޒާން 15 ދުވަހަށް ޖަލަށްލުމަށް އެކޯޓުން އިއްޔެ ވަނީ ޙުކުމްކޮށްފައެވެ. އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލީ ރައީސް މުޢިއްޒާ ސުވާލުކުރުމުގައި ކޯޓު އަމުރާ ޚިލާފުވި ކަމަށް ބުނެއެވެ.​ އަދި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާޞިރު 10 ދުވަހަށް ޖަލަށްލީ ކޯޓު އަމުރާ ގުޅޭގޮތުން ލިޔުނު ރިޕޯޓެއްގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑުނު ކަމަށް ކަނޑަައެޅުމަށްފަހުއެވެ.

އެ ދެ ނޫސްވެރިން ޖަަލަށްލުމާއި ގުޅިގެން އެމްޑީޕީގެ ފަރާތުން ރޭ ބޭއްވި އިހުތިޖާޖެއްގައި ވާހަކަ ދައްކަވަމުން މަޝްހޫރު ޤާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ހުސައިން ވިދާޅުވީ، "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހްޒާން އަދި ލީވާންޖަލަށްލުމަށް ކުރި ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމަށް ޢަލީ ވިދާޅުވިއެވެ.

މީގެ އިތުރުން ގިނަ މައްސަލަތަކުގައި ކޯޓުތަކަށް ވަޑައިގެން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ​ޢަލީ ހުސައިން ވިދާޅުވީ "ކޯޓުގެ ހުރުމަތް ކެނޑުމަކީ" ( ކޮންޓެމްޓް އޮފް ކޯޓު) ހަމައެކަނި ކޯޓުގެ އެތެރޭގައި ނުވަތަ ޝަރީއަތުގެ މަޖިލީހެއްގެ ތެރޭގައި ހިނގާ ކަމަކަށް ކިޔާ ނަމެއް ކަމަށެވެ.

​"ކޯޓުގެ ހުރުމަތް ކޯޓުން ބޭރުގައި ކަނޑާލެވޭނެ އެއްވެސް ގާނޫނީ ހަމައެއް، އުސޫލެއް ނޯންނާނެ. ކޯޓުން ބޭރުގައި މީހަކު ދައްކާ ވާހަކައަކާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑުމަކީ އަޅުގަނޑު މިއަދު އަލަށް އަޑުއެހި ވާހަކައެއް،" ޢަލީ ހުސައިން ވިދާޅުވިއެވެ.

​އޭނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ބަލާއިރުވެސް، ކޯޓުން ބޭރުގައި ދައްކާ ވާހަކައަކަށް "ކޯޓުގެ ހުރުމަތް ކެނޑިކަމުގެ" ދައުވާ ނުއުފުލޭނެ ކަމަށެވެ. އަދި މިއީ ނޫސްވެރިންނަށް ދެވޭ ބޮޑު އަނިޔާއެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.​މި އެއްވުމުގައި އަލީ ހުސައިން ވަނީ މި ހުކުމަކީ ރާއްޖޭގައި އަނިޔާވެރިކަން އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމަށް ވިދާޅުވެ، އެކަމާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު