ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް ހައްޤުބަސް ބުނުމުގެ ސަބަބުން ޖަލަށް ދާންޖެހުނު ކަމުގައިވިޔަސް، އެކަމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެ މަސައްކަތުގައި ސާބިތުކަންމަތީ ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ފެންނަމުންދާ އަނިޔާވެރިކަން ނިމުމަކަށް އަންނާނީ ޤައުމުގެ ހައްޤުގައި ބަޔަކު ނުކުމެ ބޮޑެތި ޤުރުބާނީތަކެއް ވެގެންނެވެ.

"މިއަނިޔާވެރިކަން ހިތިގޮތަކަށް ނިމިގެންދާނީ ޤައުމުގެ ހައްޤުގައި ބަޔަކު ނިކުމެ ޤުރުބާނީތަކެއް ވެގެން،" އައްބާސް ލިޔުއްވާފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ، ހައްޤުބަސް ބުނުމާއި ހައްޤަށް ވަކާލާތުކުރުމުގައި އެއްވެސް މީހަކު ބިރުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށެވެ.



އަނިޔާވެރިކަމާއި ދޮގާއި މަކަރުވެރިކަމާ ދެކޮޅަށް ތެދުވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ، ނުބައި، ނުލަފާ، އަދި މަކަރުވެރި ފަރާތްތަކުގެ ކުރިމަތީގައި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ކޮންމެ މާލަމެއްގައިވެސް ބަސް ބުނަންޖެހޭނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ކުރިމަތިލާން ޖެހޭ ކޮންމެ ގޮންޖެހުމަކަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

އައްބާސް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެފައިވާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު