މުޙައްމަދު އިސްމާޢީލް
މުޙައްމަދު އިސްމާޢީލް
ހިތުހުރި ގޮތަކަށް ދޮގު ފެތުރުމާއި ކޯޓު އަމުރުތަކަށް ގޮންޖެހުމަކީ ގާނޫނީ އަދި ދުސްތޫރީ ހަމަތަކާ ހިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މެމްބަރު މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އޭނާ ވަނީ، ނޫސްވެރިކަމުގެ މިންގަނޑުތަކާމެދު ސުވާލު އުފައްދަވައި، ނޫސްވެރިކަމަކީ ހިތުހުރި ގޮތަކަށް، ދޮގުތެދު ބެލުމެއް ނެތި މީހުންގެ އަބުރަށް އަރައިގަތުންތޯ އައްސަވާފައެވެ. އަދި އެއީ ނޫސްވެރިކަން ކަމަށްވާނަމަ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަނެކާގެ ހައްގުތަކަށް ވާނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު އުފައްދަވާފައިވެއެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ، މިހާރު ފެންނަމުންދާ ބަައެއް ކަންކަމަކީ ގާނޫނީ އަދި ދުސްތޫރީ އެއްވެސް ހަމައަކުން ކުރަމުންދާ ކަންކަން ނޫން ކަމަށެވެ. ހަމައެއާއެކު، މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ގާނޫނުގެ ދިގުއަތް ހުރިހާ އެންމެންގެ މައްޗަށް ފޯރާނެކަން ރައްޔިތުންނަށް ޝައްކެއް ނެތް މިންވަރަށް ޔަގީންވާންޖެހޭނެ ކަމަށެވެ.

"ގާނޫނުގެ ކުރިމަތީ ބޮޑެއް ކުޑައެއް، ފައިސާވެރިއެއް ނޫސްވެރިއެއް، މަސްވެރިއެއް އޮޑިވެރިއެއް ނުވަތަ ދަނޑުވެރިއެއް ތަފާތުވެގެން ނުވާނެ. ހުރިހާ ފަރާތަކުންވެސް ގާނޫނަށް ކިޔަމަންވެ ބޯލަނބަންޖެހޭނެ،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.



މީގެ އިތުރުން، ދިވެހި ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމު އަދާކޮށްފައި ހުރި ނަމަވެސް ގާނޫނުގެ ދިގުއަތް ނުފޯރާނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިޓިންގ ރޫމްތަކާއި، ޖަގަހަތަކާއި، މަގުމަތީގައި ބުހުތާން ދޮގު ވާހަކަ ދެއްކުން މިހާރު ހުއްޓެން ޖެހިއްޖެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މުޙައްމަދު މިހެން ވިދާޅުވެފައިވާއިރު، ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާއި ހިލާފުވި 2 ނޫސްވެރިއަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު